ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަކީ 7062.65


މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަކީ 7062.65 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރެއްގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު ކަނޑައަޅާފައިވަނީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ފަސް ލާރި)އެވެ. މީގެކުރިން މިދިޔަ ސެޕްޓެމްބަރުމަހު ކަނޑައަޅާފައިވަނީ 5777.45 ( ފަސްހާސް ހަތްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ސާޅީސް ފަސް ލާރި) އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 91.51 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި 91.53 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލުގެ ޒަކާތުގެގޮތުގައި 91.4 މިލިއަން ދިވެހި ރުފިޔާއިން ލިބިފައިވެއެވެ. އަދި 8315 ޑޮލަރު ލިބިފައިވެއެވެ.