ޚަބަރު

މިދިޔަ އަހަރު ރާއްޖެއިން 76 ހާސް މެޓްރިކް ޓަނުގެ މަސް ބޭރުކުރި


ނިމުނު 2022 ވަނަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާކަމަށް މޯލްޑިވް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއިން 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. މިއަދަދަކީ 2021 ވަނަ އަހަރު ރާއްޖެއިން ބޭރުކުރި 76890.8 މެޓްރިކް ޓަނުގެ މަހާއި އަޅާއިބަލާއިރު %1 ދަށް އަދަދެކެވެ.

ރާއްޖެއިން މިދިޔަ އަހަރު އެންމެ ގިނަ ޢަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކޮށްފައިވާ މަހުގެ ބާވަތްތަތެކެވެ. އެގޮތުން، މިދިޔަ އަހަރު ގަނޑުކޮށްގެން 65,576.3 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، އޭގެތެރެއިން 55551.2 މެޓްރިކް ޓަނަކީ ގަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތަތެކެވެ. އަދި 9529.5 މެޓްރިކް ޓަނަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ.

ތަފާސްހިސާބުތަކުގައިވާގޮތުން، މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ޢަދަދުވެސް ވަނީ އިތުރުވެފައިއެވެ. އެގޮތުން، 8439.6 މެޓްރިކް ޓަނުގެ ދަޅުމަސް ބޭރުކޮށްފައިވެއެވެ. 2021 ވަނަ އަހަރު ބޭރުކޮށްފައިވަނީ 7861.2 މެޓްރިކް ޓަނުގެ ދަޅުމަހެވެ. އެހެންކަމުން މިދިޔަ އަހަރު ރާއްޖެއިން ދަޅުމަސް ބޭރުކުރި އަދަދު ވަނީ %7.35 އިތުރު އަދަދެކެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރު އެންމެ ގިނަ ޢަދަދަށް މަސް ބޭރުކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުއެވެ. މިދިޔަ ޑިސެންބަރު މަހު ރާއްޖެއިން ބޭރުކޮށްފައި ވަނީ 10734.3 މެޓްރިކް ޓަނުގެ މަހެވެ. މިއަދަދަކީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއިން ބޭރުކުރި 6376.9 މެޓްރިކް ޓަނުގެ މަހާއި އަޅާއިބަލާއިރު %68.3 އިތުރު އަދަދެކެވެ.

ޑިސެންބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ ޢަދަދު އިތުރުވެފައިވަނީ ރާއްޖެއިން ބޭރުކުރި ގަނޑުކުރި މަހުގެ ޢަދަދު އިތުރުވެފައިވާތީއެވެ. އެގޮތުން، ޑިސެންބަރު މަހު 9967.8 މެޓެރިކް ޓަނުގެ ގަނޑުކުރި މަސް ބޭރުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރު މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު ވަނީ 2021 ވަނަ އަހަރަށްވުރެ ދަށްވެފައެވެ.

ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު މަސް ކުންފުނިތަކުން 81033.4 މެޓްރިކް ޓަނުގެ މަސްވަނީ ގަނެފައެވެ. މިއީ 2021 ވަނަ އަހަރު މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރާ އަޅާ ބަލާއިރު %8.2 ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބުތަކަކީ އެ މުއްދަތުގައި ރީނދޫ އުރަހަ ކަންނެލި ގަނެފައިވާ މިންވަރު %23 ދަށްވުމެވެ. އަދި ކަޅުބިލަމަސް ގަނެފައިވާ މިންވަރުވެސް %3.6 ދަށްވުންކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

އެހެންނަމަވެސް މިދިޔަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސްކިރާ އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ އަހަރެވެ. މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ. އަދި މަސްވެރިންނަށް މުޅި ޖުމްލަ 1،039،406،705 (އެއްބިލިއަން ތިރީސް ނުވަ މިލިއަން ހަތަރުލައްކަ ހަހާސް ހަތްސަތޭކަ ފަހެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.