ޚަބަރު

ގަން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިމަހު ޙަވާލުކުރެވޭނެ


ގަން އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިމަހުގެތެރޭ ޙަވާލު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއަރޕޯރޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫޢު ދަނީ ކުރިއަށް ކަމަށެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގާ ނިންމުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

" އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ މިފެބްރުއަރީ މަހު ޙަވާލު ކުރެވޭނެ، މިއީ ރާއްޖޭގެ އެންމެ އުތުރާ ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއަރޕޯރޓް،" ރައީސް ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ އިޤްތިޞާދާއި ޢާއްމު އިޖުތިމާޢީ އެތައް ކަމަކާއި ގުޅިފައިވާ މުހިއްމު އެއަރޕޯޓެކެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި ފަރާތަށް މިހާރު އެކަން އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

މާލިއްޔަތު ގަވާއިދުގެ ދަށުން ކުރިއަށް އޮތް 5 ދުވަހުގެ ސްޓޭންޑް ސްޓިލް މުއްދަތަށްފަހު، އެފަރާތަށް މަޝްރޫޢު ރަސްމީކޮށް އެވޯޑުކުރެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން މީގެކުރިން ވިދާޅުވެފައިވެއެވެ.