އޮޕަރޭޝަނެއް ކުރަމުންދާ ވަގުތު ހަށިގަނޑުގެ ނާރުތަކުގައި ދައުރުކުރާ ސިގްނަލްތަކަށް އަންނަ ބަދަލުތައް ވަގުތުން ބަލާލެވޭ ނިއުރޯ މޮނީޓަރިން ނިޒާމު އޭޑީކޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ދޭން ފެށި މި ޚިދުމަތާއެކު އޮޕަރޭޝަންތަކުގައި ހިރާސް މަދުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އިންޓްރާ އޮޕަރޭޓިވް ނިއުރޯފިޒިއޮލޮޖިކަލް މޮނިޓަރިންއަކީ ސިކުނޑިއާއި، މައިބައްދައިގެ ނާރުތަކާއި، އަދި ހަށިގަނޑުގެ އެކި ބައިތަކަށް ގުޅިފައިވާ ނާރުތަކުގެ ނިޒާމާ ގުޅުންހުރި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ރައްކާތެރިކަމުގެ ޚާއްޞަ ނިޒާމެކެވެ. އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ ބަލިމީހާ ހޭނައްތައިގެން އޮޕަރޭޝަން ކުރިއަށްދާއިރު، އޮޕަރޭޝަނުގައި ޢަމަލުކުރާ ގޮތަކުން ބަލިމީހާއަށް ވާގޮތް ދެނެގަތުމުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.
އެހެން ނަމަވެސް މި ނިޒާމުގެ ސަބަބުން އޮޕަރޭޝަން ހިންގަމުންދާ ވަގުތު ބަލިމީގާ ހަށިގަނޑުގެ ނާރުތަކުގެ ސިގްނަލްތަކަށް ބަލައި ވާގޮތް ޑޮކްޓަރުންނަށް ދެނެގަތުމަށް ފަސޭހަވެގެންދާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވަނީ، ހޮސްޕިޓަލުގައި 2014 ވަނަ އަހަރު ނިއުރޯ ސާޖަރީތައް ފެށީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2017 ގައި ފެށުމަށް ފަހު މިދާއިރާއަށް އައު ޓެކްނޮލޮޖީ ތަޢާރަފްވުމަށް މަގުފަހިވެގެން ދިޔަ ކަމަށް އައްފާލް ވިދާޅުވިއެވެ.
އޭނާ ވަނީ މިފަހަރު ތަޢާރަފް ކުރެވުނު ނިއުރޯ މޮނީޓަރިން ނިޒާމަކީ އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް އާންމުކޮށް ނުފެންނަ ކަންކަން ދައްކުވައިދޭނެ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިކުރާ ކަމަކީ އަޅުގަނޑުމެން ކުރާ އޮޕަރޭޝަންތަކުން ބަލިމީހާއަށް ލިބިދާނެ ކޮންމެފަދަ ގެއްލުމަކަށްވެސް ފަރުވާތެރިވެ، އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން. މިއީ ހަމައެކަނި އަޅުގަނޑުމެންގެ އަތުގައި ހުރި ޓެކްނޮލޮޖީތަކަށް އިތުރުކޮށްލެވުނު މެޝިނެއް ނޫން. މިއީ ރައްކާތެރިކަމަށް ލިބުނު ކުރިއެރުމެއް، މިއީ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ލިބުނު ކުރިއެރުމެއް، އަދި މިއީ އިތުރު ހުނަރުތައް ދަސްކުރުމަށްވެސް ލިބުނު ފުރުޞަތެއް." އައްފާލް ވިދާޅުވިއެވެ.
ނިއުރޯ މޮނީޓަރިން ނިޒާމަކީ ސިނކުޑީގެ އޮޕަރޭޝަންތައް ފަދަ ހިރާސް ބޮޑު އޮޕަރޭޝަންތަކުގައި، ބަލިމީހާއަށް ލިބިދާނެ ދައިމީ ގެއްލުމަކުން ބަލިމީހާ ރައްކާކޮށްދިނުމެވެ. އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އޮޕަރޭޝަންތަކަށް ފަހު ހަށިގަނޑުގެ ބައެއްގެ ވާގިނެތުން ފަދަ ކަންކަން މި ނިޒާމު ބޭނުންކުރުމުގެ ސަބަބުން މަދުކުރެވޭނެއެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރާ ވަގުތުން އޮޕަރޭޝަން ކުރާ ސަރަހައްދު ވަޒަންކޮށް އޭގެ ސަބަބުން ބަލިމީހާގެ އަވަހަށް ގަދެވުމުގެ ފުރުސަތު އިތުރުވާކަން އެހޮސްޕިޓަލުން ފާހަގަކުރެއެވެ.