ޚަބަރު

އެސްއެމްއީ ބޭންކް: ކުދި ވިޔަފާރިތައް ތަރައްޤީކުރަން ކޮށައިދިން ފަހިމަގެއް


ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އެހެންކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަފާތު ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއްދީގެން ކުރައްވާ ކަމަކެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ނަމުގައި މާލީ އިދާރާއެއް ހުޅުވުމެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާޙުކޮށްދެއްވީ 2019 ވަނަ އަހަރުގެ މާޗުމަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމެވެ.

މިބޭންކް ހުޅުވިއިރު އެސްޑީއެފްސީން ދިޔައީ މައިގަނޑު 4 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ.

އެއީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރި އެހީ ލޯން ސްކީމް"، ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއި ލޯނުގެ ފުރުޞަތު

އޭގެފަހުން އެސްއެމްއީ ބޭންކުން ވަނީ އިތުރު ލޯނު ސްކީމްތައްވެސް ތަޢާރަފްކޮށް ޚިދުމަތް ފުޅާކޮށްފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެންމެ ގާތް ފަހި އެއް ބޭންކަށް ވެފައެވެ. އެގޮތުން، "ވިޔަފާރި ތަރައްޤީ"، "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ދިރުން" ނަމުގައި އައު ސްކީމްތަކެއް އެބޭންކުން ވަނީ ތަޢާރަފްކޮށްފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ މާލީ އިދާރާއެއްގެ މުހިންމުކަން ހާމވެގެންދިޔައީ ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް އައި ލޮޅުމާއި ގުޅިގެންނެވެ. އެގޮތުން، ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީ ލޯނު" ގެ ނަމުގައި އައު ލޯނެއް ވަނީ ތަޢާރަފްކޮށްފައެވެ.

ކުދި ވިޔަފާރިތައް ކުރިއަށްދާން ކޮށައިދިން މަގެއް

އެސްއެމްއީ ބޭންކު ހުޅުވިތާ 4 ވެފައިވާއިރު، އެބޭންކުން ވަނީ ކޯވިޑް-19ގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވެފައިވާ ވިޔަފާރިތައް ކޮޅަށްޖާހާ، ވިޔަފާރިތައް ހިންދެމިލާނެ މަގު ފަހިކޮށްދީފައިއެވެ. ކޯވިޑް ބަލިމަޑުކަމާއި ކުރިމަތިލީ، ކުދި ބައެއް ވިޔަފަރިތައް ފަށައިގަތް ދުވަސްވަރެވެ. އެ ވިޔަފާރިތައް ކުރިއަށް ގެންދެވިދާނެކަމާމެދު އެ ވިޔަފާރިވެރިން ނުތަވަސްކަމެއްގައި ތިއްބައި، ކުރިއަށް ދެވޭނެ މަގެއް ދައްކައިދިނީ އެސްއެމްއީ ބޭންކުންނެވެ. މިއީ ވިޔަފާރި ހުއްޓަލަންވީ ވަގުތު ނޫންކަމާއި، އެސްއެމްއީ ބޭންކުގެ މާލީ އެހީގައި ކުރިއަށްދެވޭނެކަން އެ ދަތި ވަގުތުވެސް ސާބިތުކޮށްދިނެވެ.

މީގެ އިތުރުންތަފާތު އެކި ކަންކަމާއި ގުޅިގެން ގޭގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ މަގުވެސް އެސްއެމްއީ ބޭންކުން ވަނީ ފަހިކޮށްދީފައެވެ. ކުދި ފަންތީގެ ވިޔަފާރީގައި ހަރަކާތްތެރިވަނީ އަންހެނުންނަށްވާއިރު، މިބޭންކުގެ ސަބަބުން ގޭގައި ތިބެގެން ގިނަ އަދަދެއްގެ އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގު މިހާރު ވަނީ ހޯދައިދީފައެވެ. ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އޮފީހަކަށް މަސައްކަތްކުރަން ނުދެވުނަސް، ގޭގައި ތިބެގެންވެސް އާމްދަނީއެއް ހޯދިދާނެކަން ސާބިތުކޮށްދިނީ މި ބޭންކުންނެވެ.

ހަމައެގޮތަށް، ވިޔަފާރިއެއް ފަށާނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެމަގުވެސް ފަހިކޮށްދީފައިވަނީ ހަމަ މިއެސްއެމްއީ ބޭންކުންނެވެ. މިބޭންކުން ވަނީ ލޯނު ނަގާ ފަރާތްތަކުން އަނބުރާ ލޯނު ދެއްކުމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީފިއެވެ.

1100 ވިޔަފާރިއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބާރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް 1100 ވިޔަފާރިއަކަށް 1.16 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މިފަދަ ބޭންކެއް ހުޅުވުމަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސްއެމްއީ ބޭންކަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅު. އެބޭންކް ގެ ހިސާބު ތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް. ޒުވާނުންނާއި އަންހެނުން އުފެއްދުންތެރިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެބޭންކުން ދެމުން އެބަދޭ. މިގޮތުން ޖުމްލަ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފި." ރައީސް ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 324.8 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އުތުރު ސަރަހައްދުގައި ކުދި ވިޔަފާރިތައް ކުރިއރުވުމަށް އެވިޔަފާރިތައް ބޭނުންވާ އެހީ ފޯރޮކޮށްދިނުމަށް އެސްއެމްއީ ބޭންކުން ތައްޔާރުވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

އުތުރު ސަރަހައްދު މުޅިން ބަދަލުކޮށްލާނެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ މިދަނޑިވަޅުގައި އުތުރު ސަރަހައްދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ އިޤްތިޞާދު ކުރިއެރވުމަށް ކުރެވޭ މުހިންމުކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނައިރު، ނިމިގެން ދިޔަ އަހަރާއި، މިއަހަރުގެ ފުރަތަމަ މަހު ވަނީ އިޤްތިޞާދީ ގޮތުން ގިނަ ކާމިޔާބިތަކެއް ހޯދައިފަިއެވެ. އެގޮތުން، ނިމިދިޔަ ޖެނުއަރީ މަހަކީ ތާރީޚުގައިވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއއް ލިބުނު މަހެވެ.

ޖެނުއަރީ މަހު ދައުލަތަށް ވަނީ ޖުމްލަ 3.40 ބިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީއާއި އަޅާބަލާއިރު %43.1 އިތުރު އަދަދެކެވެ. އަދި މިއީ ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %43.6 އިތުރު އަދަދެކެވެ.

މި ހުރިހާ މަސައްކަތަކާއެކު ސަރުކާރުން ޤާއިމްކޮށްދިން އެސްއެމްއީ ބޭންކުން މަގުކޮށައިދީގެން ކުދި އަދި މެދުފަންތީގެ އެތައް އައު ވިޔަފާރިއެއް އުފެދިއްޖެއެވެ. ވިޔަފާރި އިތުރަށް ފުޅަކުރަން ބޭނުންވެފައިތިބި އެތައް ބަޔަކަށް އެމަގު ކޮށައިދީފިއެވެ. ވިޔަފާރިއެއް ފަށަން ބޭނުންވާ އެތައް ޒުވާނުންނަކަށް ހިތްވަރަކަށް އެސްއެމްއީ ބޭންކު މިއަދު ވެއްޖެއެވެ.