އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަމަހު، 1.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މިރާ އިން ހާމަކޮށްފިއެވެ.
މިއީ އެއްމަސް ދުވަސްތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހެވެ.
މީރާއިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް އާމްދަނީ ރިޕޯޓުގައިވާގޮތުން، އެ މަހުގެތެރޭ އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 864 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، ގާތްގަނޑަކަށް 50 އިންސައްތަ އިތުރު އަދަދެކެވެ.
ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، އިންކަމް ޓެކްސް ދެއްކުމުގެ އެއް ސުންގަޑިއަކީ ޖެނުއަރީމަހުގެ 31ވަނަ ދުވަހެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ޖަނަވަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރެވެ.
ޖަނަވަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން، 1.18 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި 7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން، މިދިޔަމަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 724 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީމަހު ލިބިފައިވާ 362 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، ގާތްގަނޑަކަށް 100 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސްވަނީ އިތުުރުވެފައެވެ. އެގޮތުން، ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 52.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރާއްޖޭގައި ފަރުދުންގެ ޢާމްދަނީން ޓެކްސް ނަގަން ފެށީ 1 ޖެނުއަރީ 2020 ގައެވެ. އިންކަމް ޓެކްސް ނަގަނީ މަހެއްގެ މައްޗަށް 60،000 އަށްވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކުންނެވެ.
އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.
މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނޫ އުވި އެ ޤާނުނުތަކުގެ ދަށުން ހިނގަމުންދިޔަ ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ވަނީ ބަދަލުވެފައެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.