ކާބަން ވިއްކުމަށް އެކުލަވާލަންޖެހޭ ރެގިއުލޭޝަން ޤަވާއިދުގެ ފުރަތަމަ ދެލިކޮޕީ މިހާރު ނިމިފައިވާކަމަށާ، އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ ޤަވާއިދު އާންމުކުރުންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްތާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ކާބަން ވިއްކުން ނުވަތަ ކާބަން ކްރެޑިޓް ޓްރޭޑިންއަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ނުވަތަ ކާބަން ޑައިއޮކްސައިޑް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ވިޔަފާރިއެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދުނިޔެ ހޫނުވުން ކުޑަކުރުމެވެ.
ގަސް އިންދުން، އިއާދަކުރަނިވި ހަކަތަ (އިރުގެ ހަކަތަ ފަދަ) ބޭނުންކުރުން ނުވަތަ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގައިގެން ޖައްވުން ކާބަން މަދުކުރާ ކުންފުނިތަކާއި ގައުމުތަކަށް ކާބަން ކްރެޑިޓް ލިބޭ އިރު އެފަރާތްތަކުން މި ކްރެޑިޓްތައް ބާޒާރުގައި ވިއްކައެވެ.
މިހާރު ކުރިއަށްދަނީ ކާބަން ވިއްކުމަށް ބޭނުންވާ ފުރަތަމަ ޑްރާފްޓް ރިވިއުކުރުމުގެ މަސައްކަތްކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ. ކާބަން މާކެޓްފުޅާ ކުރުމަށް ބޭނުންވާ ލެޖިސްލޭޓިވް ނުވަތަ ޤާނޫނާއި ޤަވާއިދުގެ އޮނިގަނޑު ފުރިހަމަކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަމަޒަކީ މި އަހަރު ނިމޭއިރަށް ގެޒެޓްކުރުން. އޭގަ ބަޔާންކުރާނެ އިދާރީ ޒިންމާތަކާއި، ކްރެޑިޓް ބަލަހައްޓާނެ މެތޮޑޮލޮޖީ އަދި ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާނެ ގޮތްވެސް" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވަނީ ކާބަން މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކާބަން މަދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާކެޓްގައި ކާބަން ވިއްކުމަށް ބޭނުންވާ މިންވަރަށް ކޮލިޓީ ރަނގަޅުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ކާބަން މަޝްރޫޢުތަކަކީ އަގު ބޮޑު މަޝްރޫޢުތައް ކަމަށާއި، އެފަދަ މަޝްރޫޢުތަކުން ފައިދާ ލިބޭނެ މަގު ފަހިކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށާއި، އެހެންކަމުން ކާބަން މެކޭނިޒަމްގައި ފުރިހަމަކުރަންޖެހޭ ކަންކަން ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ބޮޑެތި ޕްރޮޖެކްޓްތައް މެދުވެރިކޮށް ކާބަން މާކެޓް ފުޅާކުރުމަކީ އެ ދާއިރާއިން ޕްރައިވެޓް ސެކްޓަރ އަށް އިތުރު ފުރުސަތުތައް ހުޅުވޭނެކަމެއްކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.