ޚަބަރު

ސަރުކާރުގެ އިދާރާތަކުން ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރަންޖެހޭ އުސޫލެއް


ދައުލަތުގެ އޮފީސްތަކާއި، ސަރުކާރުގެ ޑިޕާޓުމަންޓުތަކާއި އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން، ދައުލަތުގެ ފައިސާ ޓުރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެ އުސޫލު ގެޒެޓްކޮށްފައިއެވެ.

މިއުސޫލު އެކުލަވާލުމުގެ މަޤްޞަދަކީ ދައުލަތުގެ ކޭޝް ފްލޯއާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާއިއެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި، ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭޝް ބެލެންސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެގޮތް ކަނޑައަޅާ ފިނޭންސް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އުސޫލުގައިވާގޮތުން، ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓުމަންޓުތަކާއި އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަން ވާނީ ޓުރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކު އެކައުންޓަށެވެ.

މިބޭންކް އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި އަދި ބީއެމްއެލްގައިވެސް ހުޅުވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކައުންޓަތައް ބަލަހައްޓަމުންދާނީ ފިނޭންސް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތްތަކުންކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެމްއެމްއޭގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް ހުޅުވާފައިވާ ބޭންކެއް ނެތް ރަށްރަށުގެ ކައުންސިލްތަކާއި އެފަދަ ރަށްރަށުގައި ހުންނަ ދައުލަތުގެ އޮފީސްތަކުން، އެ ފަރާތްތަކުގެ އެކައުންޓު ހުޅުވަން ބޭނުންވާ ބޭންކުގައި އެކައުންޓު ހުޅުވުމުގެ ހުއްދައަށް އެދި އެ އޮފީހެއްގެ ނުވަތަ ކައުންސިލެއްގެ ނަމުގައި ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވަން ޖެހޭނެކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މަޝްރޫއުތަކާއި ގުޅޭ ގޮތްގޮތުން ލިބޭ ފައިސާއާއި ހިލޭ އެހީގެ ދަށުން ލިބޭ ފައިސާގެ އިތުރުން، ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓުތަކަށް ޖަމާ ކުރެވޭނެ އުސޫލުވެސް ކަނޑައަޅާފައިއެވެ. އެ އުސޫލުގެ ދަށުން ބޭންކް އެކައުންޓައް ހުޅުވުމަށް ހުއްދަ ދޭނީ، އެއޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ފިނޭންސް މިނިސްޓަރަށް ލިޔުމަކުން ހުށައެޅުމުންނެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލު ކުރަން ފަށާފައިވާކަމަށް ފިނޭން މިނސްޓްރީން ހާމަކުރެއެވެ.