ޚަބަރު

ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަނީ


އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޗެއަރމަން އަޒާން އަހުމަދް ޒުހެއިރު ވަނީ ގަމުގައި މިއަހަރު 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމާއިބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކުންފުންޏަށް އާމްދަނީ ލިބޭ ދާއިރާތައް އިތުރުކުރުން ކަމަށެވެ. އެގޮތުން، މިއަހަރު ގަމުގައި 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ގަމުގައި ހިންގަން ތައްޔާރުވަމުން އަންނަނީ ދޫގަސް ހޮޓެލް މަޝްރޫޢާއި ބުޓީކް ހޮޓެލް މަޝްރޫޢެވެ. ބުޓީކް ހޮޓްލް މަޝްރޫޢަކީ 50 ކޮޓަރީގެ މަޝްރޫޢެކެވެ. ދޫގަސް ހޮޓެލް މަޝްރޫޢަކީ 130 ކޮޓަރީގެ މަޝްރޫޢެއްކަމަށެވެ. 7 ފަންގިފިލާއަށް ތަރައްޤީކުރެވޭ ދޫގަސް ހޮޓެލްގައި ގާޑަން ވިލާތަކާއި ވޯޓަރ ވިލާތައްވެސް ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިހާރު ކުރިއަށްދަނީ މި 2 މަޝްރޫއުގެވެސް ޓެންޑަރިން މަސައްކަތްކަމަށާއި، އަންނަ މަހު 2 މަޝްރޫއުވެސް ކުންފުންޏަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ދޫގަސް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ހޮޓެލެކެވެ. އެހޮޓެލް ހިންގަން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ.

ދޫގަސް ހޮޓެލާއި ބުޓީކް ހޮޓެލް ތަރައްޤީކުރުމަކީ އެކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއްކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އައްޑޫ ސިޓީއަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.