މެޗުގެ އިތުރުވަގުތުގައި ބަދަލުކުޅުންތެރިޔާ ރިލްވާން ވަހީދު ކާމިޔާބުކުރި ލަނޑުން ބެލެސްތާ ޚަސްތާ އަތުން ނިއުރޭޑިއަންޓް ޕޮއިންޓެއް ހޯދައިފިއެވެ. އޭއެފްސީކަޕްގައި މިއަހަރު ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗު ސިންގަޕޫރުގެ ބެލެސްތާ ޚަސްތާއާ ވާދަކޮށް ނިމުނީ 2-2 ނެވެ.މެޗުގައި ދެފަހަރުވެސް ކުރި ހޯދީ ބެލެސްތާއިންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކުރީ ފަޒްލީއެވެ. ނިއުއަށް ދެވަނަ ހާފްގައި ނަތީޖާ ހަމަހަމަކޮށްދިނީ ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު މަހިބަދޫއަށް ކުޅުނު އިއްޒަތު އަބްދުލްބާރީއެވެ. މަހިބަދޫގެ ކުޅުންތެރިޔާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބެލެސްތާ ކީޕަރު އަތުގައިވެސް ޖެހިފައެވެ. ބެލެސްތާއިން ދެވަނަ ފަހަރަށް ކުރި ހޯދީ މުޙައްމަދު ފާދިލްގެ ލަނޑުންނެވެ. ނިއުރޭޑިއަންޓުން މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ހޯދީ ބަދަލުކުޅުންތެރިޔާ ރިލްވާން ވަހީދު މެޗުގެ އިތުރުވަގުތުގައި ކޯލްގެ ކަނަށް ފޮނުވާލި ބާރު ބޯޅައިންނެވެ. މިދިޔަ އަހަރުތަކުގައި ފަހަތަށާއި، އަރިމައްޗަށް ކުޅުނު ކުޅުންތެރިޔާ މިއަދު ކުޅުނީ އެންމެ ކުރިއަށެވެ.މީގެއިތުރުންވެސް ނިއުރޭޑިއަންޓަށް ލަނޑު ޖަހާނެ ފުރުޞަތުތައްލިބި، ގޯލަށް ފޮނުވާލިއެވެ. ހަމްޒާ މުޙައްމަދު ގޯލްގެ ކަނަށް ފޮނުވާލި ދެބޯޅަވެސް ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. ބަލްގޭރިޔާގެ ޑިފެންޑަރ ބޮލުން ފޮނުވާލި ބޯޅަވެސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. ދެވަނަ ހާފްގައި ނިއުރޭޑިއަންޓްގެ ކެޕްޓަން މުޙައްމަދު ރަޝީދު ( ހޮކޭ ) ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އޭއެފްސީކަޕްގައި ނިއުރޭޑިއަންޓްގެ ދެވަނަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ވާދަކުރާނީ ފިލިޕީންސްގެ ކާޔާ އެފްސީއާއެވެ. އެމެޗު ކުޅޭނީ ފިލިޕީންސްގައެވެ.