ޚަބަރު

ފްލޯޓިން ސިޓީގެ ނަމޫނާ ގެ ހުޅުމާލޭ ފަޅުގަ، ޢާންމުންނަށް ހުޅުވާލަނީ


ފްލޯޓީން ސިޓީގެ ނަމުނާ ގެތަކުގެ ތެރެއިން ފުރަތަމަ ގެ ފަޅުގައި އަޅައިފިއެވެ. މި ނަމުނާ ގެ އަންނަ ހަފްތާގައި އާންމުންނަށް ދައްކާލުމަށް ތައްޔާރުވަމުންދާކަމަށް ފްލޯޓިންގ ސިޓީގެ ދިވެހި ކޮންސަލްޓެންޓް ވިދާޅުވެއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އިމާރަތްކުރުމުގެ މަސައްކަތް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މިސިޓީގެ ގެތަށް އާންމުންނަށް ދައްކާލުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. ނަމަވެސް ވިއްސާރައާއި ގުޅިގެން އާއްމުންނަށް އެ ގެތައް ދައްކާލުމުގެ މަސައްކަތް ލަސްވީކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފްލޯޓިން ސިޓީ މަޝްރޫޢުގެ ދިވެހި ކޮންސަލްޓަންޓް އިބްރާހީމް ރިޔާޒް ވިދާޅުވީ މިސިޓީގެ ނަމުނާ ގެއެއް އަންނަ ހަފްތާ ތެރޭގައި އާންމުންނަށް ދައްކާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ފްލޯޓީން ސިޓީގެ ނަމުނާ ގެ އަޅާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައެވެ.

ރިޔާޒް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ގެތެރޭގައި ފަރުނީޗަރު ބެހެއްޓުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނިމޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކާމާއި ބެހޭ އިތުރު މަޢުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ފަހުން ހާމަކުރާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީއަކީ 1.6 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެކެވެ. މިސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. ފްލޯޓިން ސިޓީގެ މިމަޝްރޫޢާއެކު އިތުރު ވަޒީފާތަކެއްވެސް އުފެދޭނެކަން ދިވެހި ކޮންސަލްޓެންޓު ފާހަގަކުރައްވައެވެ.

ފްލޯޓިންގ ސިޓީ ތަރައްްޤީކުރަނީ މުޅިވެސް ތިމާވެއްޓާ ރައްޓެހިގޮތަށެވެ. އަދި މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ގެތަކަކީ އާންމުންނަށް އަތްފޮޜާ އަގެއްގައި ވިއްކާނެ ގެތަކެއްކަމަށް ޑަޗް ޑޮކްލޭންޑު ކުންފުނިން ބުނެފައިވެއެވެ.