މާލޭސިޓީ ކައުންސިލުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަކަށެވެ.
ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމާއި ބެހޭ އުސޫލުގައިވާގޮތުން ގޮޅި ދޫކުރެވޭނީ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. ގޮޅި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް މަންފާ ލިބޭގޮތަށް ދީގެން ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ހިންގުމަކީ ހުއްދަކަމެއް ނޫންކަމަށް ކައުންސިލުން ބުނެއެވެ.
މި އުސޫލާ އެއްގޮތަށް ގޮޅިތައް ހިންގުމުގެ ކަންކަން ބަލާ ޗެކު ކުރާއިރު އުސޫލާ ޚިލާފު ކަމެއް ފާހަގަ ވެއްޖެނަމަ -/200 ރުފިޔާ އާއި -/500 ރުފިޔާ އާއި ދެމެދުގެ އަދަދަކުން އެ ގޮޅިއެއް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކަމެއް އަލުން ތަކުރާރު ވެއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލާ ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކި ކުރުމުގެ ނޯޓިސް ދެވޭނެކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.
ހުޅުމާލޭގައި ރަމަޟާން މަހަށް ޚާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ދޫކުރާ ގޮޅިއަށް އެދޭ ފޯމް ފުރުމަށް ފަހު އަންނަމަހުގެ 11ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ.
އަންނަ ރަމަޟާން މަހަށް އެސްޓީއޯއިންވެސް އަންނަނީ ހުޅުމާލޭ ދެވަނަ ފިވަހީގައި ފިހާރައެއް ހުޅުވުމަށް މަސައްކަތްކުރަމުންނެވެ. މިފިހާރަ އަންނަ މަހު ހުޅުވާ ޚިދުމަތްދޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
މިފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ޚިދުމަތް ލިބޭނެއެވެ. އަދި އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މިފިހާރައިން ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.