ޚަބަރު

އަހަރުގެ ފުރަތަމަ 2 މަހު ލޯން އަނބުރާ ދައްކަން ބައި ބިލިއަން ރުފިޔާ


މިއަހަރުގެ ފުރަތަމަ 2 މަސް ދުވަސްތެރޭގައި ލޯން އަނބުރާދެއްކުމަށް ބައި ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 2 މަހު ލޯން އަނބުރާދެއްކުމަށް ޚަރަދުކޮށްފައިވާ ވަރަށްވުރެ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 2 މަހު ދައުލަތުން ލޯން އަނބުރާ ދައްކަން 501.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 2 މަހު ލޯން އަނބުރާ ދެއްކުމަށް ސަރުކާރުން ހޭދަކުރި 336.7 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު އިތުރު އަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުގައިވާގޮތުން، މިއަހަރުގެ 2 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ 2 މަސް ދުވަހު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3818.1 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4751.1 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރަށްވުރެ %24.4 އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޓެކްސްގެ ގޮތުގައި 4004.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 3818.1 މިލިއަން ރުފިޔާއެވެ.

ޓެކްސްއިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް، ބީ.ޕީ.ޓީ އާއި، ޓީ.ޖީ.އެސް.ޓީގެ އިތުރުން ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދްނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެގޮތުން، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 1889.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު 1322.1 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %42.9 އިތުރު އަދަދެކެވެ.

ސަރުކާރުން ޓެކްސްގެ ރޭޓު ބޮޑުކޮށްފައިވަނީ އިޤްތިޞާދީގޮތުން އަންނަ ލޮޅުންތަކުން ސަލާމަތްވުމަށެވެ. ޓެކްސް ބޮޑުކުރުމަކީ މިވަގުތައް އަޅަން އޮތް އެންމެ ރަނގަޅު ފިޔަވަޅުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީ.އެސް.ޓީން 970 މިލިއަން ރުފިޔާ އަދި ޓީ.ޖީ.އެސް.ޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.