އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން 40 މިލިއަން ރުފިޔާ ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި، އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވާލާ ޤަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.
އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ހިތަދޫ ޕޯޓް ތަރައްޤީކުރަން 170 މިލިއަން ރުފިިޔާ ބޭނުންވާކަމަށާއި އޭގެތެރެއިން 40 މިލިއަން ރުފިޔާ ވަރަށް އަވަހަށް ހަމެޖެހޭނެކަމަށެވެ.
" ޕޯޓްގެ ވާހަކަ ދެކެވޭއިރު އަޅުގަނޑު ހަމަ ސީދާ އަދަދު ދަންނަވާލަން ބޭނުންވޭ. ޕޯޓް ތަރައްޤީ ކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭނަށް ބޭނުންވަނީ 170 މިލިއަން ރުފިޔާ. 170 މިލިއަން ރުފިޔާގެ ތެރެއިން މިއަހަރު 40 މިލިއަން ރުފިޔާ ހަމަޖެހިގެންދާނެކަމުގެ ފުރިހަމަ ގްރީން ސިގްނަލް ވަނީ ލިބިފައި." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ 40 މިލިއަން ރުފިޔާ ހަމަޖެހިގެންދާއިރަށް ހިތަދޫ ޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށެވެ.
ހިތަދޫ ޕޯޓްގެ މަސައްކަތާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހިތަދޫ ޕޯޓްގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕޯޓްގެ ތަރައްޤީއަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ދެއްކުމުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ހިތަދޫ ޕޯޓްގެ ޑީޓެއިލްޑް ޑިޒައިން މަސައްކަތް ކުރެވިފައި. އީއައިއޭ ހެދިފައި. ހުރިހާ ކޯސްޓިންގ ހެދިފައި. އޭގެ ހުރިހާ ރިކުއަރމަންޓްސް ހެދިފައި. އެހުރިހާ މަސައްކަތްތަކެއް ނިމި ވަރަށް ޑީޓެއިލްޑް ކޮންޓްރެކްޓެއް އެމްޓީސީސީއާއިއެކު ކުރެވިފައި މީނި. ކުރިއަށް އޮތް މަހެއް ނުވަތަ ދޮޅު މަހެއް ތެރޭގައި މަސައްކަތް ފެށޭނެ." ޝާހިދު ވިދާޅުވިއެވެ.
ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީ ކުރެވުމުން މޫސުން ގޯސްވާ ދުވަސްވަރު ބޯޓުފަހަރު ތޮށިގަނޑަށް ކައިރި ކުރުމުގައި ދިމާވާ ދަތިތަކާއި، ބަނދަރުކޮށްފައި އޮންނަ ބޯޓުތަކުގެ ވާ ކަނޑައިގެންގޮސް ބޯޓުފަހަރުތަކަށް ލިބޭ ގެއްލުންތައް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އައްޑޫ ހިތަދޫ ވިޔަފާރި ބަނދަރުގެ އިތުރުން ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރާއި މާލޭގެ ވިޔާފަރި ބަނދަރުވެސް ތަރައްޤީކުރުމުގެ މަސައްކަތް އެމްޕީއެލްއިން އަންނަނީ ކުރަމުންނެވެ. އެގޮތުން، މާލޭ ވިޔަފާރި ބަނދަރުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ޕޭވިން ބޮޑުކުރުމާއި ބިންގަނޑު ލެވަލްކޮށް، ގައު އެތުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.