ޚަބަރު

ޖެނުއަރީމަހު ގްރީން ފަންޑުން 47 މަޝްރޫޢަކަށް 74.8 މިލިއަން ރުފިޔާ


މިދިޔަ ޖެނުއަރީ މަހު ގްރީން ފަންޑުން 47 މަޝްރޫޢަކަށް 74.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެނުއަރީމަހު ގްރީން ފަންޑުން ހޭދަކޮށްފައިވާ އަދަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ގްރީން ފަންޑުން ހޭދަކޮށްފައިވާ އަދަދަށްވުރެ %42.2 ދަށް އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު ގްރީން ފަންޑުން ޖުމްލަ 47 މަޝްރޫއަކަށް ޚަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ގްރީން ފަންޑް ރިޕޯޓްގައިވާގޮތުން މިދިޔަ ޖެނުއަރީމަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފޭނާއި ނަރުދަމާގެ މަޝްރޫޢުތަކަށާއި، ރަށްތަކުގައި ވޯޓާ ސަޕްލައި ސިސްޓަމް ހަރުކުރުމުގެ މަޝްރޫއުތަކަށެވެ.

ޖެނުއަރީ މަހު ގްރީން ފަންޑުން އެންމެ ގިނައިން ހޭދަކޮށްފައިވާ މަޝްރޫއުތައް

* 5 ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިނުން - 10.2 މިލިއަން ރުފިޔާ
* ހދ. ހިރިމަރަދޫގައި ފޭނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުން - 9 މިލިއަން ރުފިޔާ
* ބ. ކުޑަރިކިލުގެ ގޮނޑުދޮށް ޚިމާޔަތްކުރުން - 8.7 މިލިއަން ރުފިޔާ
* ހދ. ނެއްލައިދޫގެ ގޮނޑުދޮށް ޚިމާޔަތްކުރުން - 7.2 މިލިއަން ރުފިޔާ
* ވ. ކެޔޮދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުން - 6.2 މިލިއަން ރުފިޔާ

ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖަނަވަރީމަހު، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 100.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި 98.9 މިލިއަން ރުފިޔާއާއި، ސަފާރީތަކުން ލިބިފައިވާ 1.8 މިލިއަން ރުފިޔާގެ އިތުރުން ހޯމްސްޓޭ ފެސިލިޓީތަކުން ލިބިފައިވާ 2113 ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖަނަވަރީމަހު ލިބުނު ފައިސާގެ ތެރެއިން 37 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 34.7 މިލިއަން ރުފިޔާއާއި، ގެސްޓްހައުސްތަކުން ލިބިފައިވާ 2.3 މިލިއަން ރުފިޔާއެވެ.