ޚަބަރު

ޖެނުއަރީމަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ޢަދަދު %13.5 އިތުރު


އަހަރުގެ ފުރަތަމަ މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ޢަދަދު %13.5 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް.އެމް.އޭއިން ހާމަކޮށްފިއެވެ. އެމް.އެމް.އޭއިން މިހެން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 1015.0 މެޓްރިކް ޓަނުގެ މަސް ދަޅު ބޭރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 893.6 މެޓްރިކް ޓަނުގެ މަސް ދަޅާއި އަޅާބަލާއިރު އިތުރު ޢަދަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއީ މިދިޔަ އަހަރުގެ އެއްވެސް މަހެއްގެ ތެރޭގައި މަސް ދަޅު ބޭރުކޮށްފައިވާ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.

ފާއިތުވި 3 އަހަރު އެންމެ ގިނައިން މަސްދަޅު ބޭރުކޮށްފައިވާނީ:

• 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު - 1111.0 މެޓްރިކް ޓަނުގެ މަސް ދަޅު
• 2022 ވަނަ އަހަރުގެ މެއި މަހު - 928.2 މެޓްރިކް ޓަނުގެ މަސް ދަޅު
• 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު - 1015.0 މެޓްރިކް ޓަނުގެ މަސް ދަޅު

ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވާ ދަޅުމަހުގެ ޢަދަދު އިތުރުވެފައިީ ނަމަވެސް، ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި މަހުގެ ޢަދަދު ވަނީ މިދިޔަ އަހަރަށްވުރެ ދަށަށްގޮސްފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 8576.2 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިޢަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 10044.8 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު %14.6 ދަށް ޢަދަދެކެވެ.

ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި މަހުގެ ޢަދަދު މިދިޔަ އަހަރަށްވުރެ ދަށްވެފައިވަނީ ރާއްޖެއިން ބޭރުކުރި ގަނޑުކުރިމަހުގެ ޢަދަދު ދަށްވުމުންކަމަށް އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން ވަނީ 7360.7 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް ބޭރުކޮށްފައެވެ. ނަމަވެސް މިޢަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 8889.6 މެޓްރިކް ޓަނުގެ ގަނޑުކުރި މަހާއި އަޅާބަލާއިރު %17.1 ދަށް ޢަދަދެކެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން، މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 6151.9 މެޓްރިކް ޓަނުގެ ކަޅުބިލަމަހެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 6983.1 މެޓްރިކް ޓަނުގެ ކަޅުބިލަމަހެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ ޖެނުއަރީ މަހު މަސްކުންފުނިތަކުން 8939.4 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސް ކުންފުނިންތަކުން ގަނެފައިވާ 8802.9 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު %1.5 އިތުރު އަދަދެކެވެ.

މި މުއްދަތުގައި ރީނދޫ އުރަހަ ކަންނެލީގެ އަގު ވަނީ ކިލޯއެއް 57 ރުފިޔާއިން 61.9 ރުފިޔާއަށް އިތުރުވެފައެވެ.