ޚަބަރު

ބަސްތަކެއް ގެނައި މައްސަލައިގައި ސާމީ އަގީލަށް ދައުވާކޮށްދޭން އެދިއްޖެ


އެއްބަސްވުމާ ޚިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމާ އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އެނގޭކަމަށެވެ.

މިމައްސަލައިގަ އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލަން އެސީސީން ޕީޖީ އޮފީހުގައި އެދިފައިވެއެވެ. އެއީ ގާނޫނުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ވިދާޅުވީ މި ދެ މައްސަލައިގައި ސާމީގެ މައްޗަށް މިދައުވާތައް ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.