އާސީޒަނަށް އީގަލްސް ޕްރެކްޓިސް ފަށާފައިވަނީ ބަދަލުތަކަކާއެކުއެވެ. އެންމެ ބޮޑު ބަދަލަކީ ޓީމްގައި ތިބި ތަޖުރިބާ ބޮޑު ކުޅުންތެރިންތަކެއް ޓީމް ދޫކޮށް ދިއުމެވެ.
މިދިޔަ ދެއަހަރުވެސް ރާއްޖޭގައި އެންމެ މޮޅަށް ކުޅުނު މިޑްފީލްޑަރ އިސްމާއީލް އީސާ އީގަލްސް ދޫކޮށް މާޒިޔާއަށް ބަދަލުވުމުން، އެތަން ފޫބެއްދުމަށް ޓީމަށް ގެނައި ކުޅުންތެރިއަކީ ޓީސީގެ އަހުމަދު ޒާދުއެވެ. ފޯވާޑް އަހުމަދު ރަޝީދާއި، ޔަސްފާދު ހަބީބުވެސް ވަނީ އީގަލްސް ދޫކޮށް މާޒިޔާއަށް ބަދަލުވެފައެވެ. މީގެއިތުރުން ސީޒަންގެ ތެރެއިން އީގަލްސްއިން ދޫކޮށްލި ކީޕަރު މުޙައްމަދު ފައިސަލްއާއި، ހަސަން އަދުހަމް ބަދަލުވީ ވެލެންސިޔާއަށެވެ. މީގެތެރެއިން ކީޕަރުގެ މަޤާމް އީގަލްސްއަށް މާރނަގަޅަށްވެސް ފޫބެއްދޭނެއެވެ. މިދިޔަ ސީޒަންގައިވެސް ގޯލް ބެލެހެއްޓި ލަންކާ ޤައުމީ ކީޕަރު ދެތިން ދުވަހުގެ ތެރޭގައި ކްލަބާއި ގުޅޭނެކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ. އީގަލްސްގެ ސްކޮޑަށް ދެން އިތުރުވީ ޒުވާން ކުޅުންތެރިންތަކެކެވެ. ކޯޗު އިހުސާން އަބްދުލްޣަނީ ބުނީ ތަޖުރިބާއަކީ މުޙިއްމު އެއްޗެއްކަމަށާއި، އެބައި ޓީމުން މަދުވިނަމަވެސް ޒުވާން ކުޅުންތެރިންތަކެއް ޓީމާއި ގުޅުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.
" އަޅުގަނޑު އަބަދުވެސް މަސައްކަތް މިކުރަނީ ކުޅުންތެރިންތަކެއް އުފައްދާފަ ޓީމެއް ހެދޭތޯ. މީގެތެރެއަށް ބޭރު ތިން ކުޅުންތެރިއެއް ލީމަ ޓީމް ފެންނާނީ ހަމަ ވަރުގަދަކޮށް. ފުޓްބޯޅައިގަ ތަޖުރިބާވެސް މުޙިއްމު. އެލިބޭނީ ކުޅެގެން. މިހާރު ތިބި ކުޅުންތެރިންނަށް ތަޖުރިބާތަކެއް ހޯދައިދީ މިދިޔަ އަހަރު އޮތް ހިސާބުގަ އޮންނަން މަސައްކަތްކުރާނީ. ނަންކިޔާ ބޮޑަތި ކްލަބްތަކަށް މިފަހަރުވެސް އަޅުގަނޑުމެން ހަމަ ހުރަހަކަށްވާނެ. ފަސޭހައެއްނުވާނެ. ފުރުޞަތަކަށް އެދިއެދިތިބި ޅަކުޅުންތެރިންތަކެއް ތިބުން އެންމެ ބޮޑު ހިތްހަމަޖެހުމަކީ." ޓީމްގެ ޕްރެކްޓިސްގެ ތެރޭގައި ހުރެ ސާންތި ބުންޏެވެ.
އިހުސާން ބުނީ އީގަލްސްގައި މިފަހަރު ސްޓާރުން ނުވަތަ ނަން މަޝްހޫރު ކުޅުންތެރިން ނުތިބޭނެކަމަށާއި، ނަމަވެސް ބޭރުގެ ތިން ކުޅުންތެރިއަކު ސްކޮޑަށް ލުމުން އީގަލްސް ފެންނާނީ ވަރުގަދަކޮށްކަމަށެވެ. އީގަލްސްއިން އަންނަނީ ބޭރުގެ ދެތިން ހަތަރު ކުޅުންތެރިއަކާ ވާހަކަދައްކަމުންނެވެ. ނަމަވެސް ސްކޮޑަށް ދެން ބަދަލެއް ގެނެވޭނީ ޓްރާންސްފަރގެ ދޮރު ހުޅުވުމުންނެވެ. މިދިޔަ ސީޒަންގައި މަހިބަދޫގެ ކުރިއަށް ކުޅުނު ބިދޭސީ ފޯވާޑް އީގަލްސްއަށް ގެނައި ނަމަވެސް ބޭރުގެ ކްލަބަކަށް އޭނާއަށް ރަނގަޅު ހުށައެޅުމެއް ލިބުމުން ކުޅުންތެރިޔާ ވަނީ ދޫކޮށްލާފައެވެ.
އީގަލްސްގެ އަމާޒު ހިފާފައިވަނީ މިދިޔަ އަހަރުވެސް އޮތް ހިސާބުގައި ދެމިއޮންނާށެވެ. މިދިޔަ ސީޒަން އީގަލްސް ނިންމާލީ ލީގުގެ ތިންވަނައިގައެވެ. އަދި ޕްރެޒިޑެންޓްކަޕްގެ ސެމީފައިނަލް ކުޅުނެވެ.