ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ފަޅުހިއްކަވައިގެން ޓޫރިޒަމަށް ދެ ރަށް ތަރައްޤީކުރައްވައި ޓޫރިޒަމް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިލަންދޫ ސްކޫލް ހޯލްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވަން ހުރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ނިލަންދޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަންކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދަތިކަން ޙައްލުކޮށްދެވުމަށް ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ހަދަން ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ. އެ މަޝްރޫޢުއާއެކު ރަށްގިރުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ބޮޑު ބަދަލެއް ނިލަންދޫން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނިލަންދޫގެ ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުން ވެސް ކުރިއަށް ދާނެކަމަށް ވިވާޅުވެފައެވެ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުން ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިކަވައި ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަޒީފާ އުފެއްދުމަށް ޓޫރިޒަމް ފުޅާކުރަންޖެހޭ. އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަން ޤާއިމްކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި މި ދައުރު ނިމުމަކާ ހަމައަށް އައިއިރު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ގިނަ ކަންކަން ފުރިހަމަކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޞްރަޙަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގައި ހަމަޖެހުމެއް ނެތްކަމަށާއި، އޮތީ ބިރުވެރިކަން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ޤައުމު ޞުލްޙަކޮށް އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުންކަމަށެވެ.
ޚާއްޞަކޮށް މާލޭގެ ހަމަނުޖެހުމާއި ބިރުވެރިކަން ނައްތާލުމަށް ކުރެއްވި މަސައްކަތުން 5 އަހަރު ނިމިގެންދާއިރު މުޅި ރާއްޖެއިން އެ ބިރުވެރިކަން ނައްތާލެވި ޞުލްޙަ ޤާއިމްކޮށްދެވިފައިވާ ކަމަށް ރައީސް ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޚިޔާލު ތަފާތުވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްްޤީ ގެނެސްދިނުމުގައި އެންމެން އެކީ މަސައްކަތްކުރުން. އެއަށްފަހު އެކުއެކީ މަސައްކަތްކޮށް ހުރިހާ ރަށަކަށް، އެ ހުރިހާ ރަށެއްގެ ރައްޔިތަކު އުޅޭ ރަށެއް މާލެއާއި ކައިރި ތަނެއް ނުބަލާ ބޭނުންވާ އަސާސީ ޚިދުމަތްތައް ޔަޤީންކޮށްދިނުން" ރައީސް ވިދާޅުވިއެވެ.
މުހިންމު ހުރިހާ ޚިދުމަތެއް މާލޭގައި އޮތުމުން މާލެއަށް ހިޖުރަކުރުން ރައްޔިތުންނަށް މަޖުބޫރުވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ސަބަބުން މާލޭގެ ޙަލަތު ހީނުކުރާހާ އަދި ދިރިއުޅުމަށް އެންމެ ރަނގަޅު ނޫންތަކަށް ބަދަލުވެގެން ދިޔަކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެކަން ބަދަލުކުރުން. އެކަމަށް ރަށްރަށުގައި އަދި އަތޮޅުތަކުގައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އަސާސީ ޚިދުމަތް ޤާއިމްކޮށްދިނުން. ބޯފެނާ ތަޢުލީމާ، ސިއްޙީ ޚިދުމަތް ލިބެންޖެހޭ. ފަސޭހައިން ދަތުރުފަތުރުކުރެވޭ ނިޒާމެއް ބޭނުންވޭ. ރައްޔިތުންނަށް އުއްމީދެއް ހޯދައިދޭންޖެހޭ. ލަފާ ފުރުމުގެ ދަރތިކަން ހައްލްުކޮށް ވަޒީފާ އުފައްދަންޖެހޭ. އެއިރުން ރައްޔިތުން ކުރިއަރާނެ." ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު އައުމާއި ހަމައަށް ރަށްރަށުގައި އަސާސީ ޚިދުމަތް ޔަޤީން ނުވެ އޮތް އޮތުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިން ނުކުރެވި އޮތްކަންކަން ފައިސާ ހޯދައިގެން ކުރައްވަމުން އަންނަކަމަށެވެ. އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށާއި، އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ނިލަންދޫ ފެނާ ނަރުދަމާގެ މަޝްރޫޢަށްފަހު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވަކި ކަމެއް ކަނޑަނާޅާ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާނެ ކަމަށާއި، އެއީ އެފަދަ މުހިންމު ބައެއް މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާކަމަށާއި، އެ ފައިސާއިން ނިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.