ޚަބަރު

ރާއްޖޭގެ 96 އިންސައްތަ ފަނޑިޔާރުންގެ ތަޢުލީމީ ޝަރުތު ފުރިހަމަ


2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި 184 ފަނޑިޔާރުންގެ ތެރެއިން 96 އިންސައްތަ ފަނޑިޔާރުން  ޤާނޫނުގައި ބަޔާންކުރައްވާފައިވާ ތަޢުލީމީ ޝަރުތު މުޅިން ފުރިހަމަކުރައްވާފައި ވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.  

މިއަދު ނެރުއްވި ޖުޑީޝަލް ސަރވިސަސް ކޮމިޝަނުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ހުރިހާ ސުޕީރިއާ ކޯޓުތަކުގައި ތިއްބެވީ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ޝަރުތު ފުރިހަމަކޮށްފައިވާ ފަނޑިޔާރުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވީ އެކަމައްޓަކައި އެކޮމިޝަނުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ނާއިބު ރައީސް މުޙައްމަދު ފައިސަލެވެ. މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ތަޢުލީމީފެންވަރު މަތީ ކޯޓުތަކުގައި ތިއްބެވި ހުރިހާ ފަންޑިޔާރުން ވަނީ ފުރިހަމަ ކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި 184 ފަނޑިޔާރުން ތިއްބެވިއިރު، އޭގެތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ޕީއެޗްޑީ ހައްދަވާފައިވާ 2 ފަނޑިޔާރުންނާއި މާސްޓަރސް ހައްދަވާފައިވާ 10 ފަނޑިޔާރުންނާއި ޑިގްރީ ހައްދަވާފައިވާ 63 ފަނޑިޔާރުންނާއި ޑިޕްލޮމާ ހައްދަވާފައިވާ 102 ފަނޑިޔާރުންގެ އިތުރުން، ސެޓްފިކެޓް ލެވެލްގެ ކޯސް ފުރިހަމަ ކުރައްވާފައިވާ7 ފަނޑިޔާރުންނެވެ. ޖޭއެސްސީގެ މީޑިއާ އޮފިޝަލް ޙަސަން ޒަހީން ވިދާޅުވީ، ޤާނޫނުގައި ބަޔާން ކުރައްވާފައިވާ މުއްދަތުގެ ތެރޭގައި ތަޢުލީމީ ޝަރުތު ފުރިހަމަ ކުރަން ޖެހެނީ 7 ބޭފުޅުންކަމަށެވެ.

ޖޭ.އެސް.ސީ އިން  2015 ވަނަ އަހަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދެވީ އެކޮމިޝަނަށް ހުށައެޅުނު ޝަކުވާތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބައްލަވައި ނިންމެވުމުގެ މަސައްކަތެވެ. މިދިޔަ އަހަރު އެކޮމިޝަނަށް ޖުމްލަ 30 ޝަކުވާ ހުށައެޅުނު އިރު، އޭގެ ކުރީގެ އަހަރުތަކުގައި ހުށައެޅިފައިހުރި 122 ޝަކުވާއެއްގެ މަސައްކަތް ކޮމިޝަނުން ކުރައްވާފައިވެވެ. މި ޝަކުވާގެ ތެރެއިން 43 މައްސަލައެއް ބައްލަވައި ނިންމަވާފައިވެއެވެ. އަނެއް 99 ޝަކުވާ ތަޙުޤީޤީ މަރުހަލާގައި ކުރިއަށްދާކަމަށް ރިޕޯޓްގައިވެއެވެ. 

2015 ވަނަ އަހަރުގައިވެސް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޖޭ.އެސް.ސީން ފާހަގަކުރައްވާފައިވަނީ، އޭގެ ކުރީ 2 އަހަރެކޭވެސް އެއްގޮތަށް އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓްތަކަށް މެޖިސްޓްރޭޓުން ނުލިބުމުގެ މައްސަލައެވެ. އެގޮތުން 2015 ވަނަ އަހަރު 40 މަޤާމަކަށް މެޖިސްޓްރޭޓުން ހޯއްދެވުމަށް އިޢުލާނުކުރައްވައިގެން ލިބިވަޑައިގަތީ އެންމެ ބޭފުޅެއްކަން ޖޭ.އެސް.ސީގެ އަހަރީ ރިޕޯޓްގައިވަނީ ފާހަގަކުރައްވާފައެވެ.