ޚަބަރު

އޭދަފުއްޓާއި ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • ށ. ނޫމަރާ ބަނދަރުގެ މަޝްރޫޢަށް 57.6 މިލިއަން ރުފިޔާ، ނިންމަން 455 ދުވަސް

  • ބ. އޭދަފުށީ ބަނދަރުގެ މަޝްރޫޢަށް 69.8 މިލިއަން ރުފިޔާ، ނިންމަން 450 ދުވަސް

  • ދެ ރަށުގެވެސް ލަފާފުރުމުގައި ހުރި މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ

ށ. ނޫމަރާ އާއި ބ. އޭދަފުށިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ.

މި 2 މަޝްރޫޢުގެ ތެރެއިން ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 57.6 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ރަށުގެ މިހާރުގެ ބަނދަރުތެރެ މެއިންޓެނަންސް ޑްރެޖް ކުރުން، އާ ބަނދަރެއް ފުން ކުރުން، ނެރު ފުންކުރުން، 64 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުން، 6.302 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 177 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޖެހުމާއި، 32 މީޓަރުގެ ވާޓަރު މަރާމާތުކުރުމާއި، 4 ފައްތިޔާ ޤާއިމު ކުރުމުގެ އިތުރު ހާބަރު ލައިޓް ޖެހުން ހިމެނެއެވެ.

ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން 3 ނެރުބައްތި ޖެހުމާއި 11 މީޓަރުގެ ރޭމްޕެއް ހެދުމާއި 120 މީޓަރުގެ ޖެޓީއެއް ޤާއިމުކުރެވިގެންދާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ބ. އޭދަފުށި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 69.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާއިއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 18 މީޓަރު ކޮންކުރީޓު ބްރިޖާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުން ހިމެނެއެވެ. އަދި 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 5490 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމަންޓާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ޤާއިމްކުރުން ހިމެނެއެވެ.

އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެވުނު މި 2 މަޝްރޫޢާއެކު މި ދެ ރަށުގެ ރައްޔިތުންނަށްވެސް ލަފާފުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.