ޚަބަރު

މާލޭ ރައްޔިތުންނަށް ޚާއްޞަ ބޯހިޔާވަހިކަން، ނެތް އުއްމީދެއްގައި ކުލަޖެހެނީ


  • ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ފެށޭ ހަފްތާގައި ޢާންމުކުރާނެ

  • މިއީ މާލެ ސަރަޙައްދުން 4000 ފްލެޓާއި 3000 ގޯތި ލިބޭ މީހުންގެ ލިސްޓް

  • ރައީސް ވަނީ މާލެ ސަރަޙައްދުން 5000 ގޯތި ދޫކުރައްވާނެކަން އިޢުލާންކުރައްވާފައި

  • މާލެ ބޯހިޔާވަހިކަމުގެ ޒަމާންވީ މައްސަލައަށް ބޮޑު ޙައްލެއް

މާލޭ ސަރަޙައްދުގެ ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ. އެތައް އަހަރެއްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލެ ސަރަޙައްދުގައެވެ.

މާލޭގެ ރައްޔިތުންގެ ތެރޭގައި ގިނައީ އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން ދިރިއުޅޭ އާއިލާތަކެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް އާއިލާއެއް އުޅެންޖެހުމުގެ ސަބަބުން ދިމާވާ އިޖްތިމާޢީ އެތައް މައްސަލަތަކަކާވެސް އެ އާއިލާތަކުން ދަނީ ކޮންމެ ދުވަހަކުމެ ކުރިމަތިލަމުންނެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.

މިކަން މީހާ ބޮޑަށް ގޯސްވެގެންދިޔަ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ އެއްވެސް ހަމައެއް ލަމައެއްނެތި މާލޭ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިއުމެވެ. މިހެން މިކަން ދިމާވީ މާލޭ ސަރަހައްދަށް ހުރިހާ ބާރުތަކާއި އަސާސީ ޚިދުމަތްތައް ޖަމާކުރުމުގެ ސަބަބުންނެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ނުވަތަ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދަން ރަށްރަށުން އާއިލާތަކުން މާލޭ ސަރަޙައްދަށް ހިޖުރަކުރުން ޖެހުމެވެ. ކަންމިހެން އޮތްއިރު މާލެއަށް އިތުރުވަމުންދިޔަ އާބާދީއާއި ބޯހިޔާވަހިކަމުގެ ޑިމާންޑް އޮތް މިންވަރާއި ގާތަށްވެސް އެއްވެސް ސަރުކާރަކަށް އެކަން ކުރެވިފައެއްނެތެވެ.

މާލެ ސަރަޙައްދުން އެންމެ ފަހުން ހިލޭ ގޯތި ދޫކުރިކަމަށް ފެންނަން އޮތީ މީގެ 40 ހަކަށް އަހަރު ކުރިންނެވެ. އޭރުވެސް ގޯތި ދޫކޮށްފައިވަނީ ވެރިންނަށް މޮޅުގޮތަށް، ގާތްތިމާގެ މީހުންނާއި މުއްސަނދިންނަށް މާލޭގެ ބޮޑެތި ބިންތައް ލިބޭ އުޞޫލުންނެވެ. އާދައިގެ ރައްޔިތަކަށް ގޯތި ލިބިގެން ވީ ފަސޭހައެއް އަދި ދިރިއުޅުމަށް ލިބުނު ކުރިއެރުމެއް ނެތެވެ. އޭގެ ފަހުން އާއްމު އުޞޫލުން މާލޭގެ ރައްޔިތަކަށް ލިބުނު ބިމެއް އަދި ދޫކުރާނެ ބިމެއް ނުވެސް ނެތެވެ.

މީގެ އަހަރުތަކެއް ކުރިން މާލޭގައި ސިނަމާލެ ފްލެޓްތަކާއި، ކުރީގެ ސަރުކާރުތަކުން ހުޅުމާލެ ތަރައްޤީކޮށް އެތަނުގައިވެސް ފްލެޓު އެޅިއެވެ. އަދި ވިޔަފާރި އުޞޫލުން ބިން ވިއްކާފައިވެއެވެ. ނަމަވެސް މިއިންކަމަކުންވެސް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބުނު ހައްލެއް ނެތެވެ. މާލޭގެ ރެޖިސްޓްރީއާއި ދަފްތަރުގައި ތިބި މީހުންނަކީ، އެހެން ތަނަކުން ބިން ލިބޭނެ ބައެއްވެސް ނޫނެވެ.

މާލޭގެ ޒަމާންވީ މި މައްސަލައަށް ޙައްލެއް ލިބި، ކުދިކުދި އަލިފާންފޮށިވަރުގެ ތަންތަންކޮޅުން ނިކުމެ، އާއިލާއާއެކު އަބުރުވެރި އުފާވެރި ހަމަޖެހޭ ދިރުއުޅުމެއް ލިބޭނެ ދުވަހަކަށް މާލޭގެ ރައްޔިތުން ކުރާ އުއްމީދަށް އަދިވެސް ނިމުމެއް ނާދެއެވެ. އެ އުއްމީދުގައި ކުލަ ނުޖެހި އޮތީ އެކަން ކޮށްދޭނެ ވެރިއެއް ނެތުމުންނެވެ.

ނަމަވެސް މާލޭ ރައްޔިތުންގެ ޒަމާންވީ މި މައްސަލައަށް އުއްމީދެއް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މާލެ ސަރަޙައްދުގެ ރައްޔިތުންނަށް މި ދަޢުރު ނިމުމުގެ ކުރިން "ބިންވެރިޔާ"ސްކީމްގެ ދަށުން 3000 ގޯތި ދޭނެކަމުގެ ޔަޤީންކަން ދެއްވާ އެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.

މީގެތެރޭގައި ހިމެނެނީ ހުޅުމާލެ ދެވަނަ ދިޔަވަހިން 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މީގެ އިތުރުން 4000 ފްލެޓް މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ގުޅީފަޅު އިތުރަށް ހިއްކުމާއި އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން އިތުރު 2000 ގޯތި ދޫކުރާނެކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ވަނީ އިޢުލާނުކުރައްވާފައެވެ. އަދި މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާންކުރައްވާފައެވެ.

ކޮންމެއަކަސް މާލެ ސަރަހައްދުން ގޯތިލިބޭ މީހުންނާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް އަންނަ ހަފްތާގައި ސަރުކާރުން ޢާންމު ކުރައްވާނެއެވެ. މާލޭގެ ރައްޔިތުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުއާއެކު އެތައް އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ. އިޖްތިމާޢީ އެތައް މައްސަލައަކަށް ޙައްލު ލިބިގެންދާނެއެވެ.

މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރައްޔިތުން އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދެފުޅެވެ. މިހާތަނަށް އައިއިރު އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ނިމި އެތަންތަނުގައި ވަނީ ދިރިއުޅެން ފަށާފައެވެ.