އަންނަ މަހު ހުވަދު އަތޮޅުގައި ފަށާ ފެރީގެ ޚިދުމަތަށް ބޭނުންވާ ފެރީތައް އެމްޓީސީސީން ޓެސްޓްކޮށްފިއެވެ. ހައި ސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 6 ފެރީއެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
ހައި ސްޕީޑު ފެރީ ނިޒާމުން ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 65 ފެރީ ބަންނަމުންދަނީ އަލްޝާލީ މެރީންއާއި ޙަވާލުކޮށްގެންނެވެ. މިގޮތުން ދެވަނަ ފިޔަވަހީގައި ހިމެނޭ ހުވަދު އަތޮޅަށް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތަކުގެ ތެރެއިން ފުރަތަމަ ފެރީގެ މަސައްކަތް ނިންމާ އޭޕްރީލް މަހުވަނީ ޙަވާލުކޮށްފައެވެ. ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން އެމްޓީސީސީންވަނީ ބަނދެފައިވާ ފެރީތައް މިހާރު ޓެސްޓުކޮށްފައެވެ. މިޓެސްޓު ދަތުރުގައި އެމްޓީސީސީގެ ސީއީއޯއާއި އާދަމް އާޒިމާއި ފެރީގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ޓީމުންވަނީ ބައިވެރިވެފައެވެ.
އެމްޓީސީސީން ބުނީ މިޓެސްޓު ދަތުރުގެ މައިގަނޑު ބޭނުމަކީ، އަލަށް ބަނދެފައިވާ ފެރީތަކުގެ ފަންކްޝަންތަކާއި، ފެރީތަކުގެ ފަސޭހަކަން އިންސްޕެކްޓްކުރުމަށްކަމަށެވެ. މިގޮތުން މިފެރީތަކަކީ، ޢާއްމުން ދަތުރުކުރުމުގައި އެންމެ ރައްކާތެރި އަދި ހިތްގައިމު ފެރީތަކަކަށް ހެދުމަށް އެކުންފުނިން އިސްކަންދޭކަމަށް އެމްޓީސީސީން ބުންޏެވެ.
CEO @AdamAzim and team conducted a test ride on the new RTL Ferry built by @asmarine_mv. The purpose of this test ride was to inspect & experience the functionality & comfort of the new RTL Ferry model.#RTLFerry #ConnectingRaajje #RayyithungeKunfuni pic.twitter.com/r0DEM6Ivaz
— MTCC Plc (@MTCCPlc) June 22, 2023
އަންނަ މަހުގެ ތެރޭގައި ހުވަދު އަތޮޅަށް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 6 ފެރީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އެއީ 50 މީހުންގެ ޖާގައިގެ ފެރީތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަންނަ މަހު ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން މިހާރުވަނީ ހުވަދުއަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް މިޚިދުމަތާއި ބެހޭ މަޢުލޫމާތުދީ، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ.
ހައި ސްޕީޑް ފެރީގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޒޯންގައި ހިމެނޭ ހއ. އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށް ޚިދުމަތް ވަނީ ފަށާފައެވެ. މީގެއިތުރުން ޅ.އަތޮޅުގައިވެސް މިޚިދުމަތް އަންނަނީ ދެމުންނެވެ. ޤައުމީ ފެރީ ޚިދުމަތާއެކު، ސިއްޙީ ޚިދުމަތް ހޯދުމަށް އެއްރަށުން އަނެއް ރަށަށް ދިޔުމަށް މީގެކުރިން އަތުން ކުރި ބޮޑު ހޭދައަށް ލުޔެއް ލިބިފައިވާކަމަށް އެސަރަޙައްދުތަކުގެ ރައްޔިތުން ބުނެއެވެ. މިއާއެކު ފެރީގެ ޚިދުމަތަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށްވެސް އެމްޓީސީސީން ބުނެއެވެ.