ޚަބަރު

އައްޑޫ ސިޓީގައި ޕްރީފެބް ގެތައް ރާވަނީ، ކުޑަ ޚަރަދަކުން ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް


  • ޕްރީފެބް ގެތަކަކީ ރާއްޖޭގެ މާހައުލަށް އެކަށީގެންވާގޮތަށް ތައްޔާރުކޮށްފައިވާ ގެތަކެއް

  • އަގުހެޔޮ މޮޑެލެއް

  • ޕްރީފެބް ގެތައް އަޅައި، މާކެޓްކުރުމުގެ މަސައްކަތް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވި

  • އައްޑޫގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ދަނީ ކުރިއަށް

އައްޑޫސިޓީގައި އަޅާ ޕްރީފެބް ގެތައް ޜޭވުމުގެ މަސައްކަތް ފެށޭ ހަފްތާގައި ފަށްޓަވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް ގެދޮރު އެޅުމަށް އޮތް ދަތިކަމަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ތުރުކީވިލާތުގެ ކުންފުންޏަކާއެކު ޖޮއިންޓްވެންޗަރއެއް ހަދައި، ރާވާލެވޭ ގެތަކެއް އައްޑޫ ސިޓީއަށް ގެނެސްފައެވެ.


އައްޑޫ ސިޓީގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަންނަނީ އައްޑޫ ސިޓީގައި ހައުސިންގ މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން އައްޑޫ ފޭދޫގައި މިވަގުތު 75 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށިގެން ދަނީ ކުރިއަށެވެ. އަދި ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އައްޑޫގައި މީގެ ކުރިން ދޫކޮށްފައިވާ ގޯތިތަކުގައި ގެ ނާޅައި، ހސުްކޮށް އެ ބިންތައް އޮތުމުން، އެ ގޯތިތަކުގެ ވެރިންނަށް ގެ އެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ފަހިކޮށްދެއްވުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ކުރައްވަމުންނެވެ. އައްޑޫ ސިޓީއަކީ ނިސްބަތުން ފަޅު ގޯތިތައްވެސް ގިނަ ސަރަހައްދެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ބޯ ހިޔާވަހިކަމަށް ދަތިނޫންގޮތަށް އައްޑޫގައި ރައްޔިތުންނަށް އުޅެވޭނެގޮތް ފަހިކުރަންޖެހޭކަމަށެވެ. މޭޔަރު ވިދާޅުވީ އެންމެ މުހިންމު އެއްކަމަކީ މިހާތަނަށް ދޫކޯށްފައިވާ ގޯތިތަކުގައި މީހުން އުޅެވޭނެގޮތް ހެދުންކަމަށެވެ. އަދި އެގެތަކުގައި މީހުން ނޫޅޭ ސަބަބު ހޯދައި އެކަމަށް ޙައްލެއް ހޯދައިދިނުމަކީވެސް މުހިންމުކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.


"އެކަމަށް އޮތް ހައްލަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ސަރުކާރުގެ ލޯން ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން އެސްއެމްއީ ލޯންތަކަށް ދިއުން. އިންޓްރެސްޓް ކުޑަ ލޯންތަަކަށް ދިއުން. ޚާއްޞަކޮށް އައްޑޫއަށް އެލޮކޭޓްކުރޭ އެބަ ވަކިވަރެއް. އެހެންވީމަ އައްޑޫއަށް އެލޮކޭޓްކުރާ ފަންޑުވެސް ރަނގަޅަށް ޕްރޮޕޯޒްކޮށްގެން ރައްޔިތުން ގޭއަޅަން މަސައްކަތްކުރަންޖެހޭ. ދެން އައްޑޫގަ ޑިމާންޑުވެސް އެބައޮތް. ގެއަޅާފަ ކުއްޔަށްވެސް ދެވޭނެ އަދި ދިރިއުޅެވޭނެ. މިހުރިހާކަމަށް ޕްލޭންތަކެއްކޮށް މަސައްކަތްތަކެއް ކުރެވެމުން މިދަނީ." އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް ގޯތިގެދޮރު އެޅުމަށް ހުރި މާލީ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ތުރިކީ ވިލާތުގެ ކުންފުންޏަކާއި ގުޅިގެން ޕްރީ ފެބް ނުވަތަ ރާވާލެވޭ ގެތަކެއް އެ ސިޓީއަށް ގެންގޮސްފައެވެ. އެއީ ތިން ކޮޓަރިއާއި، ބަދިގެ ފާޚާނާ އަދި ސިޓިންރޫމް ހިމެނޭ ގެތަކެކެވެ. މޭޔަރު ވިދާޅުވީ މިހާތަނަށް އެ ގެތައް ރޭވުމުގައި ލަސްތަކެއް އައީ ތުރުކީން އަންނަ އިންޖިނިއަރު އައުމުގައި ލަސްތަކެއް ހުރުމުންކަމަށެވެ. ނަމަވެސް މި ފެށޭ ހަފްތާގައި އިންޖިނިއަރުން އައްޑޫ ސިޓީއަށް އައިސް، އެ ގެތައް ރޭވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔރު ވަނީ މިއީ ގެދޮރު ނޭޅޭ ފަރާތްތަކަށް ގެ އެޅުމަށް ލިބޭނެ ވަރަށް ބޮޑު ހައްލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ތުރުކީ ބަޔަކާއެކު ޕްރީ ފެބް ހައުސިން އެޅުގެ މަސައްކަތް މިދަނީ ކުރަމުން. ސާމްޕަލް ގެތައް އެބަހުރި އައްޑޫއަށް ގެނެސްފަ. އެ މަސައްކަތް ޢަމަލީ ގޮތުން ނުފެށިފަ މިއޮތީ... އަޅުގަނޑުމެންނަށް މި ހަފްތާގައި އެމީހުންގެ މީހުން އައިސް ވަރަށް އަވަހަށް ގެތައް އަލައި އެތަންތަން ދައްކައިގެން މާކެޓްކުރަން ފަށާން. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން." މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިގޮތުގައި ރާވާލެވޭ ގެތަކަކީ އަލަށް ގެއެއް ޢިމާރާތްކުރުމަށްވުރެ އަގުހެޔޮ ގެތަކެއްކަމަށެވެ. އެއީ އާއިލާއަކަށް އެންމެ އެކަށޭނަ ޖާގައިގެ ގެތަކެއްކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"ވަރަށް އަގުހެޔޮ. 3 ކޮޓަރީގެ ގެއެއް ގާތްގަނޑަކަށް 6 ލައްކަ ވަރަކަށް ރުފިޔާއިން އަޅާލެވޭ. އެންމެހެޔޮވަރުގެ 1200އަކަމީޓަރުގެ ފްލޯ އޭރިއާއެއް ލިބޭގޮތަށް. އެހެންވީމަ ކުޑަ އާއިލާއަކަށް އުޅެވޭނެ ރަނގަޅު ގެއެއް. ޢާންމުކޮށް 3 ކޮޓަރީގެ ގެއެއް އެޅުމަށް 1.3 މިލިއަން ރުފިޔާ ވަރުދާނެ. ނަމަވެސް މިގެ 6 ނުވަތަ 7ލައްކަ ރުފިޔާއިން ނިންމަލެވެންޔާ އެއީވަރަށް ރަނގަޅު ގޮތެއް." މޭޔަރު ވިދާޅުވިއެވެ.

އައްޑޫގައި އަޅާ ޕްރީ ފެބް ނުވަތަ ރާވާ ގެތަކަކީ ރާއްޖޭގެ މާހައުލަށް އެކަށީގެންވާގޮތަށް ފަރުމާކޮށްފައިވާ ގެތަކެކެވެ. އެއީ އަލިފާން ނުހިފާ އަދި ލޮނުގެ އަސަރުކުރިއަސް ދަބަރު ނުޖަހާގޮތަށް ޑިޒައިންކޮށްފައިވާ ގެތަކެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވުމުގެ ގޮތުން ސަރުކާރުން އަަންނަނީ އައްޑޫސިޓީގެ ރަށްތަކަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުއެއް ހިންގަމުންނެވެ. މި މަޝްރޫޢު ނިމުމުން ހިއްކި ސަރަހައްދުން ގޯތި ދޫކުރުމުގެ ޕްލޭނެއް އޮތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.