މިދިޔަ އޭޕްރީލްމަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން ޖޫރިމަނާކުރެއްވީ އިންތިހާބަށްފަހު ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅުއްވަންޖެހޭ ފުރިހަމަ މާލީ ބަޔާނެއް ހުށަހަޅުއްވާފައި ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހެއެވެ. އަދި އެ ބަޔާނުގައި އިންތިހާބުގެ ހަރަދުތަކާއި ފައިސާ ހޯއްދެވި ގޮތާއި އެ ދެއްވި ފަރާތްތަކާއި، އެކަމުގެ މުއާމަލާތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ހިމަނުއްވަންޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރި 3 ކެނޑިޑޭޓުންވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާތީ 6000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާކަމަށެވެ. އަދި ކެނޑިޑޭޓުންގެ އިތުރުން، ކެނޑިޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންވެސް ޖޫރިމަަނާކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކެނޑިޑޭޓުންނަށް އަންގާފައިވާކަމަށެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން ބޭއްވި ބައި އިލެކްޝަނުގައި ވާދަކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒާއި، އިދިކޮޅު ޕީޕީއެމްއިން ހުސައިން ރިޒާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ. އަދި އިންތިހާބު ކާމިޔާބުކޮށް، މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒުއެވެ.