ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހާތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި، ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީން ހާމަކުރައްވައިފިއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 15 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާކަމަށް ކޮމެޓީން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، ބިންވެރިޔާގެ ދަށުން ގޯތު ދޫކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރް ވިދާޅުވީ، ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަނަމަވެސް، ކުރިމަތިލާފައިވާ މީހުންގެ ޙާލަތު ކޮމިޓީއަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އަދި އެފަރާތްތަކުގެ ނަމުގައި ގޯތިތަކާއި ސޯޝަލް ހައުސިންގ އޮތްކަމަށް ވާހަކަ ފަތުރަމުން ދިޔަނަމަވެސް، މިސްކީމްގެ ދަށުން ގޯތި ދިނުމަށް ދައުލަތުގެ ގިނަ އިދާރާތަކެއްގައި ރައްކާކުރެވިފައިވާ އެތައް މަޢުލޫމާތުތަކެއް ބަލާފައިވާކަން އަނަސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަމުގައި ގޯއްޗާއި ފްލެޓާއި އަދި ވާރުތަވާގޮތަށްވެސް ތަނެއް އޮތްނަމަ އެކަން ކޮމިޓީއަށް އެނގޭކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ، ގޯތި ލިބޭކަމަށް ޢާއްމުކޮށްފައިވާ ވަގުތީ ލިސްޓުގައި ކޮމިޓީއަށް ޖަވާބުދާރީ ނުވެވޭ އެއްވެސް ނަމެއް ނޯންނާނެކަމަށެވެ.
"މި ލިސްޓުގައި އޮތް 23000 އަށްވުރެ ގިނަ ރައްޔިތުންގެ އެޕްލިކޭޝަންތަކުގެ ތެރެއިން، އަޅުގަނޑުމެނަށް ޖަވާބުދާރީ ނުވެވޭނެ އެންމެ ނަމެއްވެސް މީގަ ނޯންނާނެ" އަނަސް ވިދާޅުވިއެވެ.
ގޯތި ދޫކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، ވަގުތީ ލިސްޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތައް ބެލުމަކީ އެކޮމިޓީގެ ޒިންމާއެއްކަމުގައި ދެކިގެން އެކަންކަން ބަލަމުންދާކަމަށެވެ. އަދި ލިސްޓާއި ގުޅިގެން މިހާތަނަށް 600 އެއްހާ ޝަކުވާ އައިސްފައިވާކަމަށް އާރިފް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ގޮތުގައި ލިބިފައިވަނީ ޝަކުވާއަށްވުރެ މަޢުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައްކަމަށާއި، ވަގުތީ ލިސްޓަށް ބަދަލު އައިސްދާނެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަން އާރިފް ފާހަގަކުރެއްވިއެވެ.
"މިލިސްޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާއިން ފެންނަ ޕޯސްޓްތައް އަޅުގަނޑުމެންގެ ކޮމިޓީއިން ދޫކޮށް ނުލަން އިނގޭތޯ. އެކަމުގައި ކުޑަކުޑަ ޙަގީގަތެއް ވޭތޯ އަޅުގަނޑުމެން ބަލަން. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. މިހާތަނަށް އެގޮތަށް ފަތުރާ އެއްވެސް މަޢުލޫމާތެއްގައި ތެދު މަޢުލޫމާތެއް ނެތްކަން އަޅުގަނޑުމެން ފާހަގަކުރަން." އާރިފް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ބޮޑު ޑިމާންޑެއް މާލެ ސަރަޙައްދުގައި އޮތްއިރު، ބިންވެރިޔާ ސްކީމަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ނިމިގެންދާއިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާ ޙައްލު ސާފުވެގެންދާނެކަމަށް އެކޮމިޓީން ފާހަގަކުރައްވައެވެ. މާލެއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން އެއް ޢާއިލާއަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ވާރުތަވާ ގޯތި ދޫކޮށްލާގޮތަށް އެތައް ބަޔަކު ގޯއްޗަށް ކުރިމަތިލާފައިވެއެވެ. މިއާއެކު ޢާއިލާގައި ބާކީ ތިބި ފަރާތްތަކުގެ މެދުގައި މާލޭގައި އޮތް ގޯތި ބަހާލުމުން ޢާއިލާގައި ހިމެނޭ ހުރިހާ މީހުންނަށްވެސް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާކަމަށް ބިންވެރިޔާގެ ދަށުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ފާހަގަކުރެއެވެ.
ސަރުކާރިގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތިތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން ޖޫން 26 ވަނަ ދުވަހު ވަނީ ޢާއްމުކުރައްވާފައެވެ. އަދި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވަގުތީ ލިސްޓު ޢާއްމުކުރި ދުވަހު ސަރުކާރުންވަނީ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ވަކިން އެޕްލިކޭޝަންލާފައިވާ މީހުންނަށް ފުރުޞަތު ދެއްވުމަށް ޢާއިލާގެ އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް އުޞޫލުން އެޕްލިކޭޝަން އެއްކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ.