ށ.އަތޮޅުގެ 3 ރަށެއްގައި ފަތާ ސަރަހައްދު ހެދުމަށް ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުހުން މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ހަވާލުކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
ފަތާ ސަރަޙައްދު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި ރަށްތަކަކީ، ށ.ފޯކައިދޫ، ށ.ފީވަށް އަދި ށ.ފޭދޫގައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެނޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
ށ.ފީވަކުގައި ފަރާ ސަރަޙައްދު ހެދުމަށް، 3575 ކޮޑި މީޓަރު ސަރަޙައްދު ފުންކޮށް، 97 މީޓަރުގެ ބޭރު ތޮއްޓެއް އަދި 50 މީޓަރުގެ ގްރޮއިންސް ޖަހާނެއެވެ.
ށ.ފޭދޫގެ ފަތާ ސަރަޙައްދު ހެދުމަށް 2106 ކޮޑި މީޓަރުގެ ސަރަޙައްދު ފުންކުރުމާއި، 62 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި 50 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި ށ.ފޯކައިދޫގައި ފަރާ ސަރަޙައްދު ހެދުމަށް 2730 ކޮޑި މީޓަރު ސަރަޙައްދު ފުންކުރާނެއެވެ. އޭގެ އިތުރުން 101 މީޓަރުގެ ބޭރު ތޮށި ހެދުމަށް، 50 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި 3 ޕްރޮޖެކްޓްގެ އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 7 މަސްދުވަހުގެ މަސައްކަތް ނިންމާގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުން 16.6 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތަކީ ރަށްރަށުގެ ރައްޔިތުން އަމިއްލަ ރަށުގައި ތިބެގެން މޫދަށް އެރިލާ ކަސްރަތުކޮށްލެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.