ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ޑްރެޖަރު މާދަމާ ރާއްޖެ ގެނެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ބިންހިއްކުމުގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އެއް ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓސީސީއެވެ. އެކުންފުނިން މިހާރުވެސް ހިއްކުމަށް ގިނަ ރަށްތަކެއް ކޮންޓްރެކްޓްކޮށްފައިވާއިރު، މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ކުންފުނީގެ ބޮޑު ޖައްރާފާއެއް ހަލާކުވުމެވެ. އެހެންކަމުން ސަރުކާރުން އެމްޓިސީސީއާއި ހަވާލުކޮށްފައިވާ ބިންހިއްކުމުގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް އެމްޓީސީސީން ވަނީ ރާއްޖެއިން ބޭރުން ބޮޑު ޑްރެޖަރެއް ގެނައުމަށް ނިންމާފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބޮޑު ޑްރެޖަރުގެ ޑައިނަމޯ ހަލާކުވެގެން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން ވަގުތު ސަލާމަތްކޮށް ރަށްރަށުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ހިއްކުމަށް، ބެލްޖިއަމްއިން ހަޔަރކޮށްގެން ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
"މިޑްރެޖަރު ވަންނާނެ 11 ވަނަ ދުވަހު. އަދި 12 ވަނަ ދުވަހު ހިއްކަން ފެށޭނެހެން، ޕައިޕްލައިންތައް އަޅާފައި މިހާރު ހުންނާނީ. މިޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ އިހަވަންދޫ. އަދި އޭގެފަހުން ކޮމަންޑޫ. އޭގެ އިތުރަށްވެސް އެބަހުރި ބައެއް ރަށްތަށް ހިއްކުމަށް ހަމަޖެހިފައި." އާޒިމް ވިދާޅުވިއެވެ.
މިޑްރެޖަރުގެ އެހީގައި އިހަވަންދޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު 10 ދުވަހުގެ ތެރޭގައި ހިއްކާ ނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ. ބޮޑު ޑްރެޖަރުގައި އިހަވަންދޫ ހިއްކާ ނިންމުމަށްފަހު މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ، އަދި ބޮޑުފުޅަދޫއާއި ފީއަލިވެސް ހިއްކުމަށް ނިންމާފައިވަނީ މިޑްރެޖަރުގައެވެ. މީގެއިތުރުން އުކުޅަހާއި ދިއްގަރާއި އުގޫފާރުވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މިރަށްތަކުގެ އިތުރުންވެސް ބައެއް ރަށްތައް ހިއްކުމުގެ މަސައްކަތްއްވެސް އެ ޑްރެޖަރ ބޭނުންކޮށްގެން ކުރިއަށް ގެންދާނެކަމަށެވެ.
ބިންހިއްކުމުގެ މަސައްކަތް ކުރުމުގައި އެމްޓީސީސީން ބޭނުންކުރާ އެއް ޑްރެޖަރު ހަލާކުވެގެން މިހާރުވެސް އަންނަނީ ދުބާއީގައި މަރާމާތުކުރަމުންނެވެ. ރާއްޖޭގައި މިވަގުތު އޮތް ހެވީ ވެހިކަލްގެ އެންމެ ބޮޑު ފްލީޓު އޮތީ އެމްޓީސީސީގައެވެ. ބިންހިއްކުމާއި އެއަރޕޯޓް ހެދުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ އިތުރުން ޢިމާރަތްކުރުމުގައިވެސް އެމްޓީސީސީން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެތައް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.