ޚަބަރު

ދަނގެތީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމަކަށް


  • ނަރުދަމާ ނިޒާމުގެ މަސައްކަތުގައި މިހާރު ހިންގަމުންދަނީ އެންމެފަހުގެ މަސައްކަތްތައް

  • މިއީ ސަރުކާރުގެ ބަޖެޓާއި އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް

  • ނަރުދަމާގެ ނިޒާމަކީ ރަށަށް ވަރަށް މުހިންމު މަޝްރޫޢެއްކަމަށް ރައްޔިތުން ދެކޭ

އަރި އަތޮޅު ދެކުނުބުރީ ދަނގެތީގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ ހަލުވި ސްޕީޑްގައި ކުރިއަށް ދަނީ ނަރުދަމާ ނިޒާމުގެ މަސައްކަތެވެ. މި މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަރިއަތޮޅުގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ދަނގެއްޗަކީވެސް މިހާރު ހަލުވި ދުވެލީގައި ރަށު ފަތުރުވެރިކަން ކުރިއަަމުން އަންނަ ރަށެކެވެ. މި ވިޔަފާރިއާއި ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ޢާމްދަނީއާ ވަނީ ގުޅިލާމެހިފައެވެ.

އެހެންނަމަވެސް މި ސަރުކާރު ވެރިކަމާ ޙަވާލުވުމާ ހަމައަށްވެސް ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ އަސާސީ ބައެއް ކަންކަންވެސް އޮތީ އެކަށީގެންވާގޮތުގައި ނުކުރެވިއެވެ. ނަރުދަމާގެ ނިޒާމަކީ މިފަދަ އެއް މަސައްކަތެވެ.

ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމުގެ އުނދަގޫ މި ރަށަށްވެސް އޮތީ ކުރިމަތިވެފައެވެ. ރަށުގައި ރަށު ފަތުރުވެރިކަން ކުރިއަށް ގެންދުމުގައި ކުރިމަތިވެފައި އޮތް އެންމެބޮޑު އެއް ދައްޗަކީވެސް މިއެވެ. އެހެންނަމަވެސް މި ސަރުކާރުންވަނީ ދަނގެތީ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް މި ދަތިކަން ފިލުވައިދެއްވުމަށް ނިންމަވައި އެމަސައްކަތް ފަށްޓަވާފައެވެ.

ދަނގެތީ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރު ފަށްޓަވާފައެވެ. މިހާރު މި މަސައްކަތް ބާރަށް ކުރިއަށް ދެއެވެ. މަސައްކަތްވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓާއި އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނަރުދަމާ ނިޒާމުގެ އިތުރުންވެސް މިރަށުގައި ސަރުކާރުން ހިންގި ވަރަށް ގިނަ މަޝްރޫޢުތައް ނިމި މިހާރު ރައްޔިތުން އަންނަނީ އެކަންކަމުގެ ބޭނުން ކުރަމުންނެވެ.

މިހާރު ދަނގެތީ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލަ ހިމެނެއެވެ. އާދަޔާ ޚިލާފަށް ރަށްގިރަމުންދެއެވެ. ރަށުގެ ދުވަސްމީ މީހުން ބުނާގޮތުން މިއީ އެމީހުންގެ ހަނދާނުގައިވެސް ރަށް މިހާބޮޑަށް ގިރާ ފަހަރެވެ. މީގެ އިތުރުން ރަށުގެ ބަނދަރުގެ ދަތިކަންވެސް ރައްޔިތުން ފާހަގަކުރެއެވެ. ރަށު ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވަނީ މިކަން ފާހަގަކުރައްވާފައެވެ.

އދ. ދަނގެތީގައި މިހާރު އޮތް ބަނދަރަކީ 2014 ވަނަ އަހަރު ފަށައި 2018 ވަނަ އަހަރު ނިންމާފައި އޮތް މަޝްރޫޢެކެވެ. އެއީ ދައުލަތުގެ ބަޖެޓުން 52.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރައްވާފައި އޮތް ބަނދަރެކެވެ. އެހެންނަމަވެސް އެރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ރަށަކަށްވުމާއި، ރަށު ފަތުރުވެރިކަން ކުރިއަރަމުން ދިއުމާއެކު ބަނދަރުގެ ޖާގަވަނީ ކުޑަވެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

މި މައްސަލަ ޙައްލުކުރުމަށް އދ. ދަނގެތީ ބަނދަރު އެކްސްޓެންޝަނާއި ބޭރުތޮށީގެ އެތެރެ ފަރާތަށް ދޯނި ގާތްކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން ވަނީ މިހާރު ނިންމަވާފައެވެ. މި މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުޙަލާގައެވެ. މީގެ އިތުރުން ދަނގެތި ގިރާ ސަރަޙައްދު ހިމާޔަތްކުރަންވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. އެ މަޝްރޫޢުވެސް މިވަގުތު އޮތީ ޕްރީ ޓެންޑަރިންގެ މަރުޙަލާގައެވެ.