ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކަށް 8 އެމްބިއުލާންސް ހަދިޔާ ކޮށްފިއެވެ.
ރާއްޖޭޣެ ސިއްޙީ ޚިދުމަތްދޭ ބައެއް ތަންތަނަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެޤައުމުގެ ސަފީރު ތަކެއުޗި މިދޯރީއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ސއިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގަތީ އެ މަރުކަޒުތަކުގެ މެނޭޖަރުންނެވެ.
އެމްބިއުލާންސް ހަދިޔާކުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގަިއ ހިމެނެނީ، ހއ. ހޯރަފުށި ސިއްޙީ މަރުކަޒު، ހއ. ކެލާ ސިއްޙީ މަރުކަޒު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލްއެވެ. މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސްއަށް 2 އެމްބިއުލާންސް ވަނީ ހަވާލުކޮށްފައެވެ.
މި ހަވާލުކުރި އެމްބިއުލާސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ހުރިހާ ތަނަކަށް އެންމެ ޒަމާނީ އެމްބިއުލާންސް ފޮނުވުމަކީ މިނިސްޓްރީގެ އަމާޒެއް ކަމުގައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހެލްތް މިނިސްޓްރީގައި ރަގިސްޓްރީ ވެފައިވާ ހުރިހާ ހޮސްޕިޓަލްތަކާ އެޖެންސީތަކަށް އެންބިއުލާންސް ފޯރުކޮއްދިނުން".
މިނިސްޓާރ ނަސީމް ވިދާޅުވިއެވެ.
ސިއްޙި ޚިދުމަތްދޭ ތަންތަނާ ހަވާލުކުރި މި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. މި އެމްބިއުލާންސްތައް ހަދިޔާކޮށްފައިވަނީ 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކުއެވެ.
މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭ.އެލް.އެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.