ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުން ފަޚުރުވެރި އެއްވަނަ އިސްމާޢީލް އިޒުޢާން، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟު ޙާޞިލުކޮށްފިއެވެ.
މި މުބާރާތުން ފަޚުރުވެރި އެއްވަނަ ޙާޞިލުކުރެއްވި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މުބާރާތުގެ ޙާފިޡުންގެ ބައިން 1 ވަނަ ޙާޞިލުކުރީ، އިސްމާޢީލް އިޒުޢާން އިބްރާހީމެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އާޔަން އަޙްމަދު ޢިނާން 1 ވަނަ ޙާޞިލުކޮށްފައިވާއިރު، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ ޙާޞިލުކުރީ ޢާއިޝަތު ޒީކް ރިޔާޟެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ވަނަތައް ލިބުނު ފަރާތްތަކަށް އިނާމު ޙަވާލުކޮށްފައިވަނީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްޑިވިސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެވެ.
1 ވަނަ - އިސްމާޢީލް އިޒުޢާން އިބްރާހީމް, ހމ. ފްލެޓް 02 ޖީ 141, މާލެ
2 ވަނަ - އިޒްކާން ޢަޖީބް ޙުސައިން, ގ. ފަރެސް، މާލެ
3 ވަނަ - މުޙައްމަދު އަޝްހަމް ޢަލީ, މއ. އަރިވަރު، މާލެ
1 ވަނަ - އާޔަން އަޙްމަދު ޢިނާން, ހަވީރީނާޒް، ގދ. ގައްދޫ
2 ވަނަ - ޒީކް އިބްރާހީމް ލުޠުފީ, ޑައިމަންޑް، ގދ. ތިނަދޫ
3 ވަނަ - ޙުސައިން ޔަމާން ޢަޒީމް, ވ. ފަޒީލާމަންޒިލް، މާލެ
1 ވަނަ - ޢާއިޝަތު ޒީކް ރިޔާޟް, އޯޝަން، ސ. ފޭދޫ
2 ވަނަ - އުވައިސް ބިން ޢިނާޒު، ވައިލެޓްވިލާ، ގދ. ރަތަފަންދޫ
3 ވަނަ - އިޒްޔާން ޢިމާދު އަބްދުﷲ, ވައިޓް ޕާލް، ހއ. ދިއްދޫ
މީގެއިތުރުން އެކި އުމުރުފުރާތަކުން ބަލައިގެން ކިޔެވުމާއި، ނުބަލާކިޔެވުމުގެ ބައިން ވަނަތައް ހާސިލްކުރި ދަރިވަރުން ހޮވާފައިވެއެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2742 ކުދިންނެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު ފައިނަލް ބުރަށް ދަތުރުކުރީ 140 ދަރިވަރުންނެވެ. ނަމަވެސް މުބާރާތުގެ ފައިނަލްގައި ކިޔަވާފައިވަނީ 138 ދަރިވަރުންކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކޮށް، އިތުރު ބައިވެރިންނަށް ފުރުޞަތުވަނީ ހޯދާދީފައެވެ.