ޚަބަރު

ތަރައްޤީގެ އެތައް މަޝްރޫޢުއަކާއެކު މިލަންދޫގެ ރައްޔިތުންގެ ޒަމާންވީ ތަކުލީފުތަކަށް ލުޔެއް


  • އެމްޓީސީސީން މިލަންދޫގައި ހިންގާ މަޝްރޫޢުތަކުގެ އަގު 160 މިލިއަން ރުފިޔާއަށް އަރާ

  • ބަނދަރު ބޮޑުކުރުމާއި، ގޮނޑުދޮށް ހިމަޔަތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • މަސައްކަތް ނިމޭއިރު އެރަށުގައި މޫދަށް އެރިލާނެ ރީތި ސަރަޙައްދެއްވެސް އޮންނާނެ

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ހިންގަމުންދާ އެއްރަށަކީ ށ.މިލަންދޫއެވެ. މިލަންދޫގައި ކުރިއަށްގެންދާ ތަރައްޤީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. މިގޮތުން އެކުންފުނިން އެރަށުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 160 މިލިއަނަށް އަރައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ ސަރުކާރުން ޢަމާޒުކުރައްވާފައިވާގޮތަށް ށ.މިލަންދޫގެ ބަނދަރުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރަމުން އަންނަ މިލަންދޫ ބަނދަރު މަޝްރޫޢު ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް ޢާޒިމް ވިދާޅުވިއެވެ.


ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއާއެކު އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޝްރޫޢުގެ މަޝްވަރާތައް ކުރިއަށްދާކަން އެމްޓީސީސީން ފާހަގަކުރެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީން މިލަންދޫގައި ކުރިއަށްދާ މަޝްރޫޢުތައް ނިމޭއިރު، އެރަށުގައި މިލަންދޫގެ ރައްޔިތުން މޫދަށް އެރިލާނެ ރީތި ބީޗެއްވެސް ތަރައްޤީކުރައްވާނެކަމަށެވެ.

"މިލަންދޫގެ މަސައްކަތަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ކުރިއަށްއޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި މިރަށަށް އަންނާނެ. އަދި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާނެ." އާދަމް ޢާޒިމް ވިދާޅުވިއެވެ.

މިލަންދޫގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަދައްވަމުން ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވިދާޅުވީ އެމްޓީސީސީން މިލަންދޫގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، އެ މަޝްރޫޢުތަކާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ. މިއީ އެރަށުގެ ތަރައްޤީއަށް އެފަހަރާ އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްދާ ދައުރުކަން މެންބަރު ފާހަގަކުރެއްވިއެވެ.

"މަސައްކަތް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައުމަށްފަހު އަލުން ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާކަން ފާހަގަކުރަން. މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްމަޝްރޫޢަކީ ގޮނޑުދޮށް ޙިމާޔަތްކުރުން. އޭހެ ދަށުން މިރަށުގައި 2.3 ކިލޯމީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރެވިގެންދާނެ." މެންބަރު ވިދާޅުވިއެވެ.

މިލަންދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫޢަކީ އެރަށުގެ ބަނދަރު ތަރައްޤީކުރުމެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް ވިދާޅުވީ މި މަޝްރޫޢުއާއެކު އެރަށަށް ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބޭނެކަމަށެވެ.

"މިރަށަކީ ރާއްޖެއިން ބޭރުން މުދާ ގެންނަ އަދި މާލެއިންވެސް މުދަލާއިގެން ބޮޑެތި ބޯޓުތައް އަންނަ ރަށެއްކަމުން ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު." ކައުންސިލް ރައީސް ޢަބްދުﷲ ޢާޠިފް ވިދާޅުވިއެވެ.

މިލަންދޫގެ ބަނދަރުގެ މަސައްކަތާއި އެރަށުގެ ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީންދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުތަކާއެކު ޒަމާނުއްސުރެ ރައްޔިތުން އުފުލަމުން އައި ތަކްލީފްތަކަށް ލުޔެއް ލިބޭނެއެވެ. މިލަންދޫގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.