ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ގުނިނަމަވެސް ސަރުކާރުން ބޮޑަށް އިސްކަން ދެއްވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގައި މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަށް ދިއުމުގެ މަގު މިހާރު މިއޮތީ ތަނަވަސްވެފައިކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި މިއަހަރަށް ކަނޑައަޅާފައިވާ ޓާގެޓް މިހާރު ރައީސުލްޖުމްހޫރިއްޔާ 1.9 މިލިއަނަށް އިތުރު ކުރައްވާފައިވާކަމަށާއި، އަހަރު ނިމެންވާއިރަށް މި އަމާޒަށް ވާސިލް ވެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިންގެ ޢަދަދު ގުނިކަމުގައިވިއަސް ސަރުކާރުން ބޮޑަށް ސަމާލުކަންދެއްވަނީ ފަތުރުވެރިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ނަފާގެ މައްޗަށްކަމަށެވެ. ރަށު ފަތުރުވެރިކަން މިހާރު ފުޅާވަމުން އަންނައިރު އެ ރައްޔިތުންނަށް ލިބޭ އާމްދަނީވެސް އިތުރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފަތުރުވެރިންގެ އަދަދު އެއީ އަޅުގަނޑުމެން ގުނާ އެއް ހިސާބު. އެހެންނަމަވެސް ކިހާ އާމްދަނީއެއްތޯ ދައުލަތައް ލިބެނީ. މުވައްޒަފުންނަށް ލިބެނީ ކިހާ ޓިޕްސްއެއްތޯ. ކިހާ ސަރވިސް ޗާޖެއްތޯ. އިންޑަސްޓްރީގެ އެހެން ފަރާތްތަކަށް ލިބެނީ ކިހާ ފައިދާއެއްތޯ އެއީ އަސްލު ބޮޑަށް ހިސާބު ޖަހަންޖެހޭ ހިސާބަކީ. ރަށްރަށުގެ އާންމު ރައްޔިތުންނާއި ހަމައަށް ފަތުރުވެރިކަމުން ކޮން ފައިދާއެއްތޯ ލިބެނީ. މިއަހަރު އެ ފައިދާތައް ވަރަށް ގިނަ ވާނެކަމަށް މި ބެލެވެނީ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ މެއިމަހު ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު ކުޑަކޮށް ދަށައް ދިޔަކަމަށެވެ. ނަމަވެސް މިދިޔަ މަހާއި މިމަހު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ރަނގަޅުކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ފަތުރުވެރިކަން ފެންނަނީ ވަރަށް ރަނގަޅަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. އަދި މި ދުވަސްވަރާއި ދިމާކޮށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުންވެސް ރާއްޖެއަށް ޝެޑިއުލް އަދި ޗާޓަރ ދަތުރުތައް ބާއްވައެވެ.