ޚަބަރު

12 މިސްކިތެއް ނިމިއްޖެ، 19 މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ


  • މިހާތަނަށް 12 މިސްކިތެއް ނިމި، 19 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދޭ

  • މިހާތަނަށް ސަރުކާރުން ވަނީ މިފަދަ ވަރަށް ގިނަ ޢުމްރާނީ ތަރައްޤީއެއް ގެނެސްދީފައި

  • ފެންވަރު ރަނގަޅު މިސްކިތްތައް ބިނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް

މި ސަރުކާރުން ބިނާކުރި 12 މިސްކިތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާކަަމަށާއި، އަދިވެސް އިތުރު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ މީދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އައްޑޫ ސިޓީ މީދޫގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި، މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

މިސްކިތުގެ ޢަމަލީ މަސައްކަތް ފެއްޓުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު މިފަދަ ވަރަށް ގިނަ ޢުމްރާނީ ތަރައްޤީ ގެނެސްދެއްވާފައުވާކަމަށެވެ. ހަމައެހެންމެ، ސަރުކާރުން މި އަޅާދޭ މިސްކިތްތަކުންވެސް އެކަން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 12 މިސްކިތެއް ބިނާކޮށްފައިވާކަމަށެވެ. އަދި އިތުރު 19 މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވި ގޮތުގައި، މި މިސްކިތުގައި ޑިޒައިނަށް އަދި އިތުރު ބަދަލުތަކެއް އަންނާނެކަމަށާއި، އަދި މި މިސްކިތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއިއެކު، އެމަނިކުފާނުގެ ލަފާފުޅާއެކު ބިނާކުރާ މިސްކިތެއްކަމަށެވެ. އަދި މިނިސްޓަރ ވަނީ މި ސަރުކާރުން މިސްކިތްތައް ބިނާކުރާއިރު، ކޮންޓްރެކްޓަރުންވެސް ދީފައިވާ ކޮންޓްރެކްޓުގެ މުއްދަތަށް މިސްކިތް ނިންމަވާލަދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މި މިސްކިތް އަޅާ ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓާއެވެ. މިއީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންގެ ޖާގަ ހިމެނޭހެން 700 މީހުންނަށް ޖާގަ ލިބޭނޭހެން ބިނާ ކުރާ މިސްކިތެކެވެ. މި މަޝްރޫޢަށް 13،947،943 ރުފިޔާގެ ބަޖެޓެއް ދައުލަތުން ވަނީ ހަމަޖައްސަވާފައެވެ.

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު މިސްކިތްތައް ބިނާކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. މިއަދު އައްޑޫ މީދޫގައި މަސައްކަތް ފަށާ މި މިސްކިތަކީވެސް މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.