ނޭޕާލްގެ ޤާނޫނު އަސާސީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ނޭޕާލް ރައީސް ރާމްޗަންދްރާ ޕައުޑެލް އާއި ބޮޑުވަޒީރު ބަލެންޑްރާ ޝާހުއަށް ވަކިވަކިން އެ ޤައުމުގެ ޤާނޫނު އަސާސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ސިޓީގައި ދުވަހުގެ ތަހުނިޔާ އަދި މުބާރަކުބާދީ ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އަދި އިޙްތިރާމާއި ސުލްހަވެރިކަމާއި ހަމަޖެހުމަށް އިސްކަންދީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް މިގޮތުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ތެރެއިން ވަކިވަކި ދައިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކި މައިދާންތަަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލާފައިވަނީ، އެ ޤައުމުގެ ރައީސް އަދި ބޮޑުވަޒީރުވެސް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޭޕާލަށް ފާގަތިކަމާއި ހަމަޖެހުމާއި ސުލްހައަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީ 20 ސެޕްޓެންބަރު 2015ގައި އެ ޤައުމުގެ އައު ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހާ ގުޅުވައިގެން ފާހަގަކުރާ ދުވަހެވެ.