ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑްއާއެވެ.
ނ. މާފަރުގައި ޤާއިމްކުރާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއާއި، ކަސްޓަމްސްގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އަދި މާފަރު ކައުންސިލުގެ ރައީސް މުޙައްމަދު އަދުނާން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. މާފަރު އެއަރޕޯޓް ހުޅުވި، އެތަނުގައި ކަސްޓަމްސްގެ ޚިދުމަތްތައް ދިނުމުގައި މިވަގުތު ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ކޮމިޝަނަރ ވަނީ މި އައު އޮފީސް ޢިމާރާތާއެކު އެކަމަށް ޙައްލުތަކެއް ލިބިގެންދާނެކަމަށެވެ.
"އަޅުގަނޑުމެންނަށް ނިންމައެއް ނުލެވޭނެ ހަމައެކަނި އެއަރޕޯޓެއް. މި އޮންނަ ރޯލް ފެސިލިލިޓޭޓް ބޯޑަރ އެބަޖެހޭ ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއަރޕޯޓްގައި އެބަޖެހޭ ފެސިލިޓީސްތައް ޤާއިމުވާން. އެއީ އަޅުގަނޑުމެން އޮޕަރޭޝަން ސައިޑްއިން ކުރަން ޖެހޭކަމެއް. އެއަރޕޯޓް އެކްޓެންޝަންގެ މަސައްކަތް ނިމިގެން ދާއިރު އެ ވަޞީލަތްތައް ޤާއިމު ކުރެވިގެން ކަސްޓަމްސްގެ އިތުރު އޮފިޝަލުން ލިބިގެން ޚިދުމަތް ފެއްޓޭނެކަމަށް މި ބަލަނީ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރީޖަނަލް ކަސްޓަމްސްތަކުގައި އަންނަ ބަދަލުތަކާއި ގުޅިގެން ކަސްޓަމްސްގެ ދައުރު ފުޅާވެގެން ދާއިރު ކަސްޓަމްސްގެ އޮފިސަރުންވެސް އިތުރަށް ތަމްރީނުކޮށް މި ދާއިރާއިން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެއެވެ. އެހެންކަމުން ކުރިއަތް އޮތާނގައި އޮފިސަރުންނަށް އެ ފުރުޞަތު ހޯދާ ދެވިގެން ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ވިދާޅުވީ މާފަރު އެއާރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ތަނެއްކަމަށެއެވެ. އެގޮތުން އެއާރޕޯޓުގެ އެކްސްޓެންޝަނަށް ކުރަމުންދާ މަސައްކަތް ނިމި އެތަންތަނުން ބޭނުން ކުރަން ފެށެންވާއިރު ކަސްޓަމްސްގެ ޚިދުމަތް މާފަރުގައި ފުޅާވެގެން ދިޔުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މެންބަރު ވިދާޅުވިއެވެ.
"މިއަދު އެއާރޕޯޓްގައި ކުރެވެމުންދާ މަސައްކަތަކީ ރަންވޭ އެސްޓެންޑްކޮށް ވައިޑްބޮޑީ ފްލައިޓް އެތަނުގައި ޖައްސާ އޮޕްރޭޓް ކުރެވޭނެ ވަރަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް . މިހާރު އެ ޕްރޮޖެކްޓް ރޭވިފައި އޮތްގޮތުން ވިއްޔާ ޑިސެމްބަރުމަހަށް ނިމި އަންނަ އަހަރު ކުރީކޮޅު ޝެޑިއުލް ފްލައިޓްގެ ޚިދުމަތް ދިނުމަށް އެދަނީ ތައްޔާރުވަމުން. އެ ހިސާބަށްދާއިރު ކަސްޓަމްސްގެ ޚިދުމަތް މާފަރުގައި ފުޅާވެގެން ދިޔުމަކީ އެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް" ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ ނ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރިސޯޓްތަކުގެ ވިފަފާރި ގުޅިފައިވަނީ މާފަރުގެ އެއާރޕޯޓާކަމަށެވެ. އެހެންކަމުން ރިސޯޓްތައް ހެދިގެންދާއިރު ކަސްޓަމްސްގެ މި އައު ޢިމާރާތް ނިމި އިތުރަށް ފުޅާވެ، މާފަރަށް އަންްނަ ޕަސެންޖަރުންނާއި ކާގޯ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބިގެން ދިޔުމަކީ އެ ސަރަހައްދުގެ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.
މާފަރުގައި ކަސްޓްމަސްގެ އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއެވެ. އަދި ފިއުޗާރ ހޯމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ޢަބްދުﷲ އެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 6.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މި މަސައްކަތުގެ ދަށުން އޮފީސް ހިންގުމަށް ބޭނުންވާ ޖާގައިގެ އިތުރުން އެކަމަޑޭޝަން ބްލޮކެއްގެ މަސައްކަތް ކުރެވިގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއެވެ.