ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ބަށިބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ބަށި މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލެ ވިމެންސް ސްޓަރ ހޯދައިފިއެވެ.
މިއަދު ހެނދުނު ފެށި ބަށި މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލެ ވިމެންސް ސްޓަރ ހޯދީ ފައިނަލްގައި މައްޗަންގޯޅި ވިދުވަރު ޓީމާއި ވާދަކޮށެވެ.
ފައިނަލް މެޗުގައި ވާދަކުރި ހުޅުމާލެ ވިމެންސް ސްޓާރ ޓީމުގެ ދެ އިނިންގްސްގައި ތިރީސް ފަސް ލަނޑު ނުވަ ފޯލި ހެދިއެވެ. މައްޗަންގޯޅި ވިދުވަރު ޓީމަށް އެޓީމްގެ ދެ އިނިންގްސްގައި ހެދުނީ ތިރީސް ދެ ލަނޑު ހަތް ފޯޅިއެވެ.
މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމްތަކަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލްކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާން އެޓާރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލްއެވެ.
ފައިނަލް މެޗުގެ މޮޅު ކުލުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ވިމެންސް ސްޓަރގެ ފާތިމަތު މިލްނާއެވެ. މުބާރާތުގެ އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިންތެރިޔަކީވެސް އޭނާއެވެ. މުބާރާތުގައި އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކީ ހުޅުމާލެ ވިމެންސް ސްޓަރގެ އައިޝަތު ފިރާޝާއެވެ.
މާލެއާއި ހުޅުމާލެއިން ހަތަރު ޓީމް ބައިވެރިވި މި މުބާރާތަކީ މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ އަދި ބަށިބޯޅަ އެސޯސިއޭޝަނުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ބަށި މުބާރާތެކެވެ.