ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ޚާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ، ކަލާފާނު ސްކޫލާއި މާލެ ބޭރު ތޮށިލުމުގެ މަޝްރޫޢު ރަމްޒުކޮށްދޭ "ޓެޓްރަޕޮޑް" މޮނިއުމަންޓަށް ޒިޔާރަތްކުރައްވައިފިއެވެ.
މާލެ ވަށައިގެން ބޭރު ތޮށިލުމަށް ހިންގާފައިވާ މުހިއްމު މަޝްރޫޢުއާއި ކަލާފާނު ސްކޫލް ބިނާކުރުމަށް ހިންގި މަޝްރޫޢަކީ ޖަޕާނުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ މުހިއްމު ދެ މަޝްރޫޢެެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ބިނާކުރި ކަލާފާނު ސްކޫލަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިމަރީ ގްރޭޑްތަކަށް ޚާއްސަކޮށް ކިޔަވައިދޭން ފެށި އެއް ސްކޫލެވެ. 1988 ވަނަ އަހަރު އެ ސްކޫލް ބިނާކުރަން ފެށި މަސައްކަތް ނިންމާލައި، ކިޔަވައިދޭން ފެށީ، 25 ޖުލައި 1989ގައެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު ކަލާފާނު ސްކޫލަށް ވަޑައިގަތުމުން އެ ސްކޫލުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. މަރުހަބާ ދަންނަވަން ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި މެނޭޖްމަންޓުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ފަރާތުން ޖަޕާނުގެ ހާރިޖީ ވަޒީރަށް ވަނީ ހަނދާނީ ފިލާއެއް އަރުވާފައެވެ.
މި ޒިޔާރަތުގައި ޖަޕާނުގެ ހާރިޖީ ވަޒީރު ވަނީ ސްކޫލް ބައްލަވާލައްވައި، ސްކޫލްގެ މެނޭޖްމަންޓާއި ބައްދަލުކުރައްވާފައެވެ. އަދި ސްކޫލަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.
ކަލާފާނު ސްކޫލަށް ކުރެއްވި ޒިޔާރަތަށްފަހު ޖަޕާނު ޚާރިޖީ ވަޒީރު ވަޑައިގެންނެވީ މާލޭގެ ރައްކާތެރިކަމަށް ބޭރު ތޮށިލުމަށް ޖަޕާނުގެ އެހީގައި ހިންގި މަޝްރޫޢު ރަމްޒުކޮށްދޭ "ޓެޓްރަޕޮޑް" ގައި ހުންނަ މޮނިއުމަންޓަށެވެ.
ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިނުމަށް ޖަޕާނު ސަރުކާރުގެ އެހީގައި 1987ވަނަ އަހަރު ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. 15 އަހަރު ދުވަސް ހޭދަވި މިމަޝްރޫޢަކީ ރާއްޖޭގައި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މިހާތަނަށް ހިންގާފައިވާ އެންމެ ބިޔަ މަޝްރޫޢެވެ.
"ޓެޓްރަޕޮޑް" ގަލުގެ މޮނިއުމަންޓް ހުރި ސަރަހައްދަށް ޖަޕާނުގެ ޚާރިޖީ ވަޒީރު ވަޑައިގެން، ތޮށި ލާފައިވާ ސަރަޙައްދު ވަނީ ބައްލަވާލައްވާފައެވެ.
Hosted Foreign Minister Hayashi for lunch, at Only BLU at OBLU Select Lobigili, surrounded by incredible marine life.
— Abdulla Shahid (@abdulla_shahid) July 30, 2023
Continued our deliberations on further strengthening Maldives-Japan relationship.
Was joined by Defence Minister Mariya Didi. pic.twitter.com/qU5cZyoaLq
ޖަޕާނުގެ ޚާރިޖީ ވަޒީރުގެ ޝަރަފުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މިއަދު ވަނީ މިއަދު މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ. ދެ ޤައުމުގެ ޚާރިޖިއްޔާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ފަރިއްކޮޅު އޮތީ މާލެ އަތޮޅު އޯބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓްގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓެއްކަމަށްވާ އޮންލީ އޮބްލޫގައެވެ.
ރާއްޖެއާއި ޖަޕާނުގެ އެކުވެރި ގުޅުމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ޤައުމުގެ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިވެެރިއެކެވެ. އެގޮތުން ރާއްޖޭގެ އެކި ދާއިރާތަކަށް އެ ޤައުމުން ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.