ޚަބަރު

ތިމަރަފުށީގައި ކުރިއަށްގެންދިޔަ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމާލައިފި


ތިމަރަފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ރޯ ހައުސް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ ތިމަރަފުށީގައި 100 ރޯ ހައުސް އިމާރާތްކުރައްވާފައެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ތިމަރަފުށީގައި 100 ރޯހައުސް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުއެވެ. މި މަޝްރޫޢަކީ އެރަށުގެ އާބާދީ އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ފެއްޓެވި މަޝްރޫޢެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިމަރަފުށި ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާޙިމް ވިދާޅުވީ، ރޯހައުސްތަކުގެ އިމާރާތާއި ފިނިޝިންގ މަސައްކަތްތައް ހިމެނޭހެން ހުރިހާ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ރޯހައުސްތައް ތަރައްޤީކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު ހިސާބުގައިކަމަށްވާތީ މިހާރު އެ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާޢީލް އިބްރާޙިމް ވިދާޅުވީ ރޯހައުސްތަކުގެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރީ މިދިޔަ ޖޫން މަހުގެ ނިޔަލަށްކަމަށެވެ. ނަމަވެސް ޕްރޮޖެކްޓް ލަސްވީ ޔުޓިލިޓީގެ މަސައްކަތްތައް ނުނިމޭތީކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ހައުސިންގ ޕްރޮޖެކްޓް ނިމިފައިވާއިރު، އެ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށާއި މިހާރު ތައްޔާރުވަމުންދަނީ ރޯހައުސް ލިބޭ މީހުންގެ ލިސްޓް އިޢުލާންކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އެއީ 1400 އަކަފޫޓުގެ ބިމުގައި ތަރައްޤީކުރާ، 1000 އަކަފޫޓުގެ ގެތަކެކެވެ. 3 ކޮޓަރިއާއެކު 3 ފާހަނައާއި އަދި ސިިޓީންގްރޫމަކާއި ލޯންޑްރީ އޭރިއާއެއް ހިމެނެއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން 79 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.