ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް މިއަހަރު 63 ހުށައެޅުން ލިބިފައިވޭ: އެމްއެމްސީ


މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މިއަހަރު 63 ހުށައެޅުން ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ފަރާތުން ނޫސްވެރިކަމުގެ އިނާމަށް މިއަހަރު ހުޅުވާލީ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހުގެެ ނިޔަލަށެވެ. މިއަހަރުވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އިނާމު ދިނުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

މި އަހަރު އިނާމު ދޭ ދާއިރާތައް

- ތަޙުޤީޤީ ނޫސްވެރިކަން
- ދެމެހެއްޓެނިވި ތަރައްޤީއާ އިޖްތިމާޢީ
- ސިޔާސީ
- ޝަރުޢީ އަދި ޤާނޫނީ
- ވިޔަފާރިއާ އިޤްތިޞާދު
- ކުޅިވަރު
- ފޮޓޯ ޖާރނަލިޒަމް
- ވީޑިއޯ ޖާރނަލިޒަމް
- ގްރެފިކްސްޢާ އިލެސްޓްރޭޝަންސް
- ފީޗަރ
- އުއްމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ


މީޑިއާ ކައުންސިލުން ވިދާޅުވީ ގްރެފިކްސްއާ އިލެސްޓްރޭޝަންސް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކުންވެސް މިއަހަރުވަނީ ހުށަހެޅުންތައް ލިބިފައެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިއުން ހިމެނެއެވެ. އަދި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުންވެސް ހިމެނެއެވެ.

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.