ޚަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް


  • އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ފަތިހު 4:29 ހާއިރު

  • އަނިޔާވި ފުލުހަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން

ރޭ ފަތިހު ސިނަމާލެ ބުރިޖުގެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްއިން ނައްޓާލާ، ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ފަތިހު 4:29 ހާއިރު ކަމަށެވެ. މި ހާދިސާގައި ފުލުސްމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށައި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. މި އަނިޔާތަކުގެ ތަފްސިލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ މި ސައިކަލް އެވަގުތު ހައިވޭގައި ތިބި އެހެން ފުލުހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން މައުލުމާތުދެއްވައެވެ.

މާލެއާއި ހުޅުމާލޭގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ މީހުންގެ ނުރައްކާ ބޮޑުވުމުންނާއި، އެކްސިޑެންޓުތައް އިތުރުވަމުންދާތީ، ފުލުހުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް، އޮޕަރޭޝަންތައް އިތުރުކޮށްފައެވެ.