ޚަބަރު

ފުލުހުންގެ ނޫސަންދަ ޚިދުމަތް އައްޑޫގައި ފަށައިފި


  • ނޫސަންދަ އައްޑޫގެ ޚިދުމަތް މުސްތަޤުބަލުގައި ޢާއްމުންނަށްވެސް ދޭނެ

  • ކްލިނިކްގައި ޢާއްމު ބަލިތަކާއި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކޭނެ

  • ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ޚިދުމަތްތައްވެސް ލިބެން ހުންނާނެ

ފުލުހުންގެ ނޫސަންދަ ޚިދުމަތް ދޭން އައްޑޫގައި ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ޚިދުމަތް އެންމެ ފުރަތަމަ ފަށައިގަންނަ އިރު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ޚާއްސަކުރި ނަމަވެސް ކައިރި މުސްތަޤުބަލެއްގައި ޢާއްމުންނަށްވެސް ޚިދުމަތް ފުޅާކުރާނެކަމަށެވެ.

ނޫސަންދަ އައްޑޫގެ ނަމުގައި ނޫސަންދަ ޚިދުމަތް ފަށާފައިވަނީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ. މިކްލިނިކް ހުޅުވާދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ފުލުހުން ވިދާޅުވީ ނޫސަންދަ އައްޑޫ ކްލިނިކުން މިހާރު ޚިދުމަތް ފޯރުކޮށްދޭނީ، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށްކަމަށެވެ. އަދި ފުލުހުންނަށް ލިބޭ އަނިޔާތަކަށް އެމަރޖެންސީކޮށް ފޯރުކޮށްދޭންޖެހޭ ފަރުވާވެސް އެކްލިނިކުން ދޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޚިދުމަތް ފެށިއިރު، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އެކަނި ޚިދުމަތް ދިންނަމަވެސް، ކުރިއަށް އޮތްތަނުގައި އައްޑޫގެ ޢާއްމު ރައްޔިތުންނަށްވެސް ކްލިނިކުގެ ޚިދުމަތް ދިނުމަށްވަނީ ނިންމާފައެވެ.

ނޫސަންދަ އައްޑޫ ކުލިނިކުގައި ޢާއްމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އާއި ސްކޭންކުރުމުގެ ޚިދުމަތްތައްވެސް ދެމުންގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި އެކަޑަމީ ރަސްމީކޮށް ހުޅުވާދެއްވީ މިދިޔަ އަހަރުގެ މާރޗްމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުބުރަމާނިއަމް ޖައިޝަންކަރެވެ. މިއެކަޑަމީގައި އެއްފަހަރާ، 340 މީހުން ތަމްރީނު ކުރެވޭނެ އިންތިޒާމުވަނީ ޤާއިމުކޮށްފައެވެ. ސިއްޙީ ޚިދުމަތުގެ އިތުރުން އެކަޑަމީގައި އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، ދުޅަހެޔޮ ކަންމަތީ ދެމިހުރުމަށް ކަސްރަތުކުރާނެ އެކި އިންތިޒާމުތައްވެސްވަނީ ހަމަޖައްސާފައެވެ.