އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްއޮތް 12 ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އުކުޅަހުގެ ބިން ހިއްކަމުންދަނީ ބެލްޖިއަމުން ގެނެސްފައިވާ ބޮޑު ޑްރެޖަރުގައެވެ.
އއ.އުކުޅަހަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން މިހާރު ވަނީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ. ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށް އެމްޓީސީސީއިން ބެލްޖިއަމުން ގެނެސްފައިވާ ބޮޑު ޑްރެޖަރުން އުކުޅަހުގެ ބިން ހިއްކުން ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އުކުޅަހަށް ވަޑައިގެން އުޅުއްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިނަމަވެސް މިހާރު މަސައްކަތް ފެށި، މަސައްކަތުގެ ސްޕީޑު ހުރިގޮތުން މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.
"މަސައްކަތް ފެށުނީ ކުޑަކޮށް ލަހުން. އެހެންނަމަވެސް ދުވާލަކު ހެކްޓަރަކަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާލެވޭނެ މިހާރު މިއޮތް ޑްރެޖަރުން. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މިސްޕީޑުގައި ކުރިއަށްއޮތް 12 ވަރަކަށް ދުވަސްތަރޭގައި މިރަށުގެ ބިން ހިއްކާ ނިންމާލެވޭނެކަމަށް. އޭގެފަހުން ދެން އަޅުގަނޑުމެން ފަށާނީ ބޮޑުފުޅަދޫ ބިން ހިއްކުމުގެ މަސައްކަތް." އާޒިމް ވިދާޅުވިއެވެ.
މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ލިބޭތަން ފެނިގެންދިޔުމަކީ އެރަށު ހުރިހާ ރައްޔިތުންވެސް ކުރި ވަރަށް ދުވަސްވި ދިގު އިންތިޒާރެއްކަމަށެވެ. އަދި ގޯތި ދޫނުކުރެވި ދިގުމުއްދަތެއް ހޭދަވެގެން ދިޔުމުގެ ސަބަބުން އިޖުތިމާޢީ މައްސަލަތައް ކުރިމަތިވަމުންދާކަން ޝައުކަތު ފާހަގަކުރެއްވިއެވެ.
"މިރަށުން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 30 އަހަރުކުރިން. އޭގެފަހުން އެތައް ބަޔަކަށް ދަރިން ލިބި އެކުދިން ބޮޑެތިވެ އެމީހުންނަށް ދަރިން ލިބުނުއިރުވެސް އުޅެން ޖެހިފައިމިވަނީ ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި. މިރަށުގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް ޙައްލެއް މިއާއެކު އަންނާނެކަމަށް އުއްމީދުކުރެވެނީ."ޝައުކަތު ވިދާޅުވިއެވެ.
އުކުޅަހުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން 1692 މީޓަރުގެ ސަރަޙައްދެއްގައި ބަންޑްލް ވޯލް ޖެހުމުގެ އިތުރުން ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 1054 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 67.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.