ޚަބަރު

އައްޑޫން ގޯތި ލިބޭމީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލައިފި


  • ޝަރުތު ފުރިހަމަވާ އެންމެނަށް ގޯތި ދިނުމަށް ވަނީ ނިންމާފައި

  • އިޢުލާންކޮށްފައިވާ 1000 ގޯއްޗށްވުރެ އިތުރަށްވެސް ގޯތި ދޫކުރާނެ

  • އަލަށް ހިއްކި ސަރަހައްދުންވެސް ގޯތި ދޭނެ

  • ބޯހިޔާވަހިކަމަށް ބޮޑު ޙައްލެއް އަންނާނެ

އައްޑޫ ސިޓީން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ. ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެދަށުން އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރުފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާރު ވަނީ ޢާންމުކޮށްފައެވެ. އެހުރިހާ ރަށަކުން ޖުމްލަ 1000 ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށްވެސް ގޯތިދިނުމަށެވެ. އެކައުންސިލުން ވިދާޅުވީ، ދާއިމީ ލިސްޓް ޢިއުލާންކުރުމުގެކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ވަގުތީލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިމަހުގެ 20ވާ އާދީއްތަ ދުވަހުން ފެށިގެން 27ވާ އާދީއްތަ ދުވަހުގެ 12:00އަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޝަކުވާ ހުށަހަޅާ ފޯމް ހުރިހާ ރަށެއްގެ އަވަށު އޮފީހުންނާއި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.


އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ގޯތި ދޫކުރުމުގެ ފުރަތަމަ މަރުހަލާގައި ދޫކުރާ 1،000 ގޯތީގެ އިތުރުންވެސް، އިތުރު ގޯތިތައް ދިނުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ނިންމާ މިމަހުގެ ތެރޭގައި އިޢުލާންކުރައްވާނެކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 1،000 ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ކައުންސިލުން ފަށްޓަވާނެކަށްވެސް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހުޅުދޫއާއި މީދޫއިން ކޮންމެ ރަށަކުން 100 ގޯތި، ފޭދޫން 350 ގޯތި، އަދި ހިތަދޫން 300އާއި 400އާއި ދެމެދުގެ ޢަދަދަކަށް ގޯއްޗެވެ.

މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

އެތައް އަހަރަކަށް ފަހު އައްޑޫސިޓީން ގޯތި ދޫކުރާއިރު އެ ސިޓީއަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.