އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތައިގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ހިމެނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެރަށްރަށުގެ ރައްޔިތުންނަށް މަޝްރޫޢުގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ކިޔައިދިނުންކަމަށެވެ. އަދި މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް އޮޅުންފިލުވައިދިނުމެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި ކުނަހަންދޫގައެވެ.
މި ބައްދަލުވުންތަކުގައި ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫޢާ ގުޅޭގޮތުން ހުށަހެޅި ޚިޔާލުތަކަށް މަޝްވަރާކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.