ޚަބަރު

ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 165 މީހުން


  • މިއީ އެންމެ ގިނަ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާ އިންތިޚާބު

  • 143 އޮބްޒާވަރުން ހަރަކާތްތެރިވާނެ

  • 22 މޮނިޓަރުން ހަރަކާތްތެރިވާނެ

  • އިންތިޚާބު އޮންނާނީ އަންނަ މަހު 9ގައި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 165 ފަރާތަކުން ޙަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ދާޅުވެއްޖެއެވެ. އެކޮޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ މިއީ އިންތިޚާބެއްގައި އެންމެ ގިނަ ބައިނަލްއަޤްވާމި އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާ އިންތިޚާބުކަމަށެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން 165 ފަރާތެއްގެ އެޕްލިކޭޝަންސް ބަލައިގެންފައިވާއިރު، މީގެތެރޭގައި ހިމެނެނީ 143 އޮބަޒާވަރުންނާއި 22 މޮނިޓަރުންނެވެ. މީގެތެރެއިން 31 އޮބްޒާވަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ދައުވަތައް ވަޑައިގަންނަވާ އޮބްޒާވަރުންނެވެ. އެ އޮބްޒާވަރުން ރާއްޖޭގެ 6 ސަރަހައްދެއްގައި މަސައްކަތްކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން 17 ޖައްމިއްޔާއެއްގެ 112 އޮބްޒާވަރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންތިޚާބު ކުރިއަށްދާގޮތް މޮނިޓަރކުރަމުންދާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އެންމެ ގިނަ އަދަދެއްގެ އޮބްޒާވަރުންނަކީ، ޔޫރަޕިއަން ޔޫނިއަން އަދި ދަ ކޮމޮންވެލްތްގެ ފަރާތުން އިންތިޚާބަށް ވަޑައިގަންނަވާ އޮބްޒާވަރުންނެވެ.

މީގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކެމެރޫން، ޖޯރޖިޔާ، ހޯންޑުރަސް، އެލް ސަލްވަޑޯރ، އުޒްބެކިސްތަންގެ އިތުރުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ، ތައިލެންޑް، މެލޭޝީޔާ އަދި ފިލިޕީންސްގެ އޮބްޒާވަރުންވެސް އިންތިޚާބުގައި ހަރަކާތްތެރިވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

މި އޮބްޒާވަރުންގެ ތެރެއިން ޗީފް އޮބްޒާވަރަކީ، ސްރީލަންކާގެ ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށްވާ ވަދުޖް ވަރުންއަސިރި މަހިންދާދެށާ ޕްރިޔާ އެވެ.

މިފަހަރުގެ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ ފްރާންސް ޖަޕާން، އިންޑީއާގެ އިތުރުން ސްރީލަންކާގެ ފަރާތުން ވަޑައިގަންނަވާ 22 މޮނިޓަރުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.