ޚަބަރު

ޔޫތު މިނިސްޓަރ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރައްވައިފި


މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙްމަދު ޒުހޫރާއި، އެމިނިސްޓްރީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. 

މިއީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނޭޝަނަލް އިނޓެގްރެޓީ ޕްލޭނުގެ ދަށުން ފައްޓަވާފައިވާ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސަރުކާރުގެ ވަޒީރަކު ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ. މިއަދު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރުގެ އިތުރުން އެމިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އަހްމަދު ޒުހޫރުވަނީ އެމަނިކުފާނު ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގައި ހުންނަވައިގެން ނަޒާހަތްތެރިކަންް ގެއްލޭޭނެފަދަ އެއްވެސްކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމިނިސްޓްރީގެ އެއްވެސް ބޭފުޅަކު ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އިންސާނުންނަށް ވީތީ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަމަށާއި، އެހެންނަމަވެސް ނަޒާހަތްތެރިކަމުގެ ވަޢުދުގައި މުއައްސަސާތަކުގެ މުވައްޒަފުން ސޮއިކުރުމުގެ މަސައްކަތް އެކޮމިޝަނުން ކުރިއަށްގެންދަވަނީ، ރައްޔިތުންނާއި ގުޅުން ހުންނަކަންކަމުގައި ވީހާވެސް އަދުލުުވެރިކަމާއެކު ކަންކަން ކުރިއަށްގެންދެވުމަށް ރައްޔިތުންނާއި ގުޅުންހުރި ކަންކަން ކުރިއަށްގެންދަވާ ވުޒާރާތަކުގެ މުވައްޒަފުންނަށް ހިތްވަރު ދިނުމަށްކަމަށެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިހާރު ފައްޓަވާފައިވާ ނޭޝަނަލް އިންޓެގްްރިޓީ ޕްލޭންގެ ދަށުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިމެނޭ ދައުލަތުގެ މުއްސަސާތަކާއި، ޖަމްޢިއްޔާާ ޖަމާޢަަތްތަކުގެ މުއައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވާ ނިންމެވުމަކީ، އޭ.ސީ.ސީގެ އަމާޒެކެވެ. މިއީ ނަޒާހަތްތެރިކަމުގެ ވަޢުދުގައި މުވައްޒަފުން ސޮއިކުރެއްވި ހަތަރުވަނަ މުއައްސަސާއެވެ.