ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ހަނގުރާމަ ފުޅާވެފައިވާ ދަނޑިވަޅެއްގައި، އީރާނުން މަދަދުވެރިވާ ކަމަށް ތުހުމަތުކުރެވޭ ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެން ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހެނދުނު ދިން މި ހަމަލާ ޔަމަނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދީފައިވާއިރު، ސަޢޫދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިޙާދުން ބުނީ ރިޔާޟުގެ އުތުރުން ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާނެ ކަމުގައެވެ.
ޔަމަނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، ޤާހިރާއިން އައި ފްލައިޓެއް ޖައްސަން މަދު މިނެޓުކޮޅަކަށް ވެފައި ވަނިކޮށް، އެއާޕޯޓުގެ ރަންވޭ ކައިރިއަށް މިސައިލެއް ވެއްޓިފައިވާ ކަމުގައެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ފްލައިޓު ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ޑައިވަރޓުކޮށް، އިތުރު ހަމަލާއެއްގެ ބިރަށްޓަކައި ރަންވޭ މަތީގައި އޭރު އޮތް ދެ ބޯޓު ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. ޙޫޘީންގެ ކޮންޓުރޯލު ނެތް ސަރަޙައްދުތަކަށް ދަތުރުކުރާ މައި ދޮރާށި ކަމުގައިވާ ޢަދަން އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން ޙޫޘީން އެއްޗެއް ބުނެފައެއް ނުވެއެވެ.
ސަޢޫދީ އިއްތިޙާދުން ވަނީ ޞަންޢާއިން މިސައިލްތައް އުދުއްސައިލަން ބޭނުންކުރާ ޕްލެޓްފޯމްތައް ދެނެގަނެވިފައިވާ ކަމަށާއި އެ ތަންތަން ނައްތާލާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ ޢަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. މީގެ އިތުރުން، އަބްހާ އެއާޕޯޓަށާއި ޚަމީސް މުޝައިޠުގައި ހުންނަ ވައިގެ މަރުކަޒަށް ވެސް ހަމަލާދިން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއިން މި ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ ޔަމަނުގެ ސަރުކާރު ފައުޖުތަކުން ޙޫޘީންނާ ދެކޮޅަށް ރަތް ކަނޑުގެ އައްސޭރިފަށުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ. ސަޢޫދީ އިއްތިޙާދުގެ ވައިގެ އެހީތެރިކަމާއެކު ޔަމަނު ސަރުކާރުން ފެށި މި އޮޕަރޭޝަނަކީ މުހިންމު ބާބް އަލް-މަންދަބް ކަނޑުއޮޅި އަދި މުޚާ ހިމެނޭހެން ރަތް ކަނޑުގެ ސަރަޙައްދުތައް އަލުން މިނިވަންކުރުމަށް ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން، ފާއިތުވި މަހު ޙޫޘީން ހިފި ސަރަޙައްދުތަކުން އެ ގުރޫޕުގެ ހަނގުރާމަވެރިން މިހާރު ފަހަތަށް ޖައްސާފައިވާނެ ކަމުގައި ޔަމަނުގެ ސަރުކާރު ފައުޖުތަކުން ބުނެއެވެ.