ނ. އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ވިހަފަރުފިނޮޅު އަލުން ދަޢުލަތަށް ހޯދާ، އެތަނުގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވިހަފަރުފިނޮޅަކީ ވެލިދުއިން 5-10 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އޮތް ފަޅެކެވެ. ނަމަވެސް އެއީ ރިސޯޓެއް ތަރައްޤީކުރުމަށް ބަޔަކަށް ދީފައި އޮތް ފަޅެކެވެ.
މުޢިއްޒު ވިދާޅުވީ، ވެލިދޫ އޮތް ސަރަޙައްދަކީ، 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ނެތް މަދު ސަރަޙައްދުގެ ތެރެއިން ސަރަޙައްދެއްކަމަށެވެ. ފަތުރިކަމުގެ ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެ ސަރަޙައްދަށް އެއަރޕޯޓެއް ވަރަށް މުހިންމުކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މިކަމަށް ޙައްލު ގެނެސްދެވޭނެ ގޮތަކީ، ވެލިދޫ ކައިރިން އޮތް ވިހަފަރުފިނޮޅު ހިއްކާ އެތަނުގައި އެއަރޕޯޓެއް ތަރައްޤީކުރުންކަމުގައި މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ ޤާނޫނީ ހަމަތަކުގެ މަތިން އެ ފަޅު އަލުން އަނބުރާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި އެތަނުގައި އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމަށެވެ.
"އިޤްތިޞާދީ ގޮތުން ބެލިއަސް މި ސަރަޙައްދަށް އެއަރޕޯޓް މުހިންމު. އެކަމަކު މިވަގުތު އެފަޅު އޮފީ ބަޔަކަށް ދީފައި. އެހެންނަމަވެސް ޤާނޫނީ ހަމަތަކުން އެ ފަޅު ހޯދަން މަސައްކަތްކުރާނަން. އަދި އެއަރޕޯޓެއް ތަރައްޤީކުރާނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ވެލިދޫގައި އެންމެ ޒަމާނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް އަޅާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ޑްރަގް ކޯޓުގެ ހިންގުން ޒަމާނާ އެއްގޮތަށް ބަދަލުކުރެއްވުމަށް ޤާނޫނަށް ބަދަލު ގެންނަވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން "ބެއިލް" ޤާނޫނެއް ތަޢާރަފްކުރައްވާނެކަމަށް ވިދާޅުވިއެވެ. މިއީވެސް ޖުޑީޝަރީ ދާއިރާ އިސްލާހުކުރުމަސް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެކަމަކަށް މުޢިއްޒު ވިދާޅުވިއެވެ. ބެއިލްއަކީ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިވާނެކަމުގެ ޝަރުތުކޮށް ދޫކޮށްލާ ދޫކޮށްލުމެވެ.