ޚަބަރު

ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅުއްވާ އިދާރާއަކުން ދެވޭގޮތަށް ހަދައިފި


  • ކުރިން އޮތްގޮތުންނަމަ، ގޯތީގެ ރަޖިސްޓްރީ ދޫކުރެވޭނީ ހަމައެކަނި ކައުންސިލްތަކަށް

  • މިހާރު ގެނައި ބަދަލާއެކު، ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްްޓްރީއަށްވެސް ދޫކުރެވޭނެ

  • މިގަވާއިދަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައި

ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅުއްވާ އިދާރާއަކުން ދޫކުރެވޭ ގޮތަށް ޤަވާއިދަށް އިސްލާހްގެނެސް ގެޒެޓްކޮށްފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީކުރުމާއި ބެހޭ ޤަވައިދަށް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ގެނައި ދެވަނަ އިޞްލާޙުގައެވެ.

ގަވާއިދަށް ގެނައި ބަދަލުގައި ރަޖިސްޖިޓްރީ ދޫކުރާ އިދާރާގެ ގޮތުގައި ބުނެފައިވަނީ ސިޓީއެއްގައި ނަމަ އެސިޓީއެއްގެ ސިޓީ ކައުންސިލުގައި، ނުވަތަ ބިންތަކުގެ ރަޖިސްޓްރީގެ ކަންކަން އެ އިރެއްގައި ބަަހައްޓަމުން އަންނަ އިދާރާއެއްގައި، ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާ އިދާރާއަކުންނެވެ.

ޤަވާއިދުގައި ބުނާގޮތުން ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ހަވާލުކުރާއިރ،ު ގޯތީގެ ދާއިމީ ރަޖިސްޓްރ،ީ ގޯތި ލިބުނު ފަރާތަށް ދޫކުރަންވާނެއެވެ. އަދި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަޙައްދެއްނަމަ އެފަދަ ސަރަޙައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް ގޯތި ލިބުނު ފަރާތަށް ދޫކުރެވިދާނެ ކަމަށްވެސް އަލަށް ގެނައި އިސްލާހްގައިވެއެވެ.

މި ގަވާއިދުގައި ބުނާގޮތުގައި ކަނޑައެޅޭ ވަކި ހާލަތެއްގައި ގޯތީގެ ރަޖިސްޓްރީއެއް ބާތިލުކުރަންޖެހިއްޖެނަމަ، ބާތިލުކުރުމުގެ އިޚުތިޔާރު ލިބޭނީ އެރަޖިސްޓްރީއެއް ދޫކުރި އިދާރާއަކަށެވެ.

މިފަދަ ޤަވާއިދެއް ނެރެފައި މިވަނީ، މާލޭގެ ރައްޔިތުނަށް ޚާއްސަކޮށް 9000 ބަންޑާރަ ގޯތި ދޫކުރުމުގެ ލިޔުން ސަރުކާރުން ހަވާލުކުރަން ތައްޔާރުވަމުންދަނިކޮށެވެ.

ކުރިން އޮތްގޮތުން ބިމުގެ ރަޖިސްޓްރީ ދެވޭނީ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ. ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު، މިހާރު ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށްވެސް ދެވޭނެއެވެ.

މި ޤަވާއިދު ގެޒެޓްކުރުމާއިއެކު މިޤަވާއިދަށްވަނީ ޢަމަލުކުރަން ފަށާފައެވެ.